ޚަބަރު

"ބިދޭސީންގެ ޞިއްޙީ ކަންކަމަށް ހައްލު ނުހޯދޭނަމަ ނުރައްކާތެރި ހާލަތަކާ ކުރިމަތިލާންޖެހިދާނެ"


  • އާންމު ސިއްހަތުގެ ކޮންފަރެންސް ކުރިއަށްގެންދަނީ 2 ދުވަހަށް ވިލާ ނޯޓިކާގައި

  • މިކޮންފަރެންސްގައި އަލިއަޅުވާލަނީ ރާއްޖޭގައި ތިބި ބިދޭސީންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ހުރި ހުރަސްތަކަށް

ބިދޭސީންގެ ސިއްޙީ މައްސަލަތަކަށް މިއަދު މަސައްކަތް ނުކޮށްފިނަމަ އާންމު ސިއްޙަތުގެ ދާއިރާއިން ހައްލުކުރަން ދަތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސިއްޙީ ވަޒީރުވަނީ ބިދޭސީންނަށް ފުރިހަމަ ސިއްޙީ ފަރުވާގެ ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށްކުރާ މަސައްކަތް ކާމިޔާބުކުރުމަށް ހުރިހާ މުވައްސަސާއެއްގެ ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ.

އާންމު ސިއްޙަތުގެ ދާއިރާއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޕްޗީއޭ އާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން 2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ "އާންމު ސިއްޙަތުގެ ހެލްތު ކޮންފަރެންސް" އިފްތިތާޙުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން ކޮންމެ 4 މީހަކުން އެކަކީ ބިދޭސީއެއްކަމަށެވެ. އެހެންކަމުން ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީގެ އުޅޭއިރު، މުޅި ޤައުމުގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބިދޭސީންގެ ދުޅަހެޔޮކަން ޔަގީންކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"ބިދޭސީންގެ ނިސްބަތުން ގިނައީ އަވައްޓެރި ޤައުމުތަކަށް ނިސްބަތްވާ މީހުން. ރާއްޖޭގައި ނެތް ނުވަތަ ނައްތާލެވިފައިވާ ބަލިތައް އެޤައުމުތަކުގައި އުޅޭއިރު، ރާއްޖެއަށް އަންނަ ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން މުހިއްމު. ހުރިހާ މުވައްސަސާއެއް ގުޅިގެން މިއަދު ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތް ނުކުރެވިއްޖެނަމަ، އާންމު ސިއްޙަތުގެ ދާއިރާއިން ބޮޑު ޗެލެންޖަކާއި ކުރިމަތިލާންޖެހިދާނެ" ވަޒީރު ވިދާޅުވިއެވެ.

އާންމު ސިއްޙަތުގެ ކޮންފަރެންސްގެ ތެރެއިން މިދިޔަ ޖޫން މަހު އިފްތިތާޙްކޮށްފައިވާ ބިދޭސީންގެ ސިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރުމަށް ކުރިމަތިވާ ހިރާސްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ގުޅޭގޮތުންވެސް އިލްމީ މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކަމުގައި މުވައްސަސާތަކާއި ގުޅިގެން އިސްތިރާޖީގޮތެއްގައި ގެނިވެދާނެ ހައްލުތަކާއި ގުޅޭގޮތުން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިކޮންފަރެންސްގައި ބިދޭސީންގެ ކަންކަމުގައި ރާއްޖޭގައި ޙަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކާއި، ސަރުކާރުގެ މުވައްސަސާތަކުން ބައިވެރިވާނެއެވެ. އަދި ޤައުމި ޔުނިވަރސިޓީގެ ފަރާތުން މިކަމުގައި ހުރި ހުރަސްތަކަށް ދިރާސާގެ ނަޒަރަކުން އަލިއަޅުވާލާނެއެވެ. މިއީ މިކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ބާއްވާފައިވަނީ 2019ވަނަ އަހަރުގައެވެ.