ޚަބަރު

ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާކުރަން ހުޅުވާލައިފި


  • ރާއްޖެއާއި ބޭރުގެ ފަރާތްތަކަށް އަދި ޖޮއިންޓް ވެންޗަރގެ ގޮތުގައިވެސް ބައިވެރިވެވޭނެ

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފަހު ތާރީޚަކީ، 18 ޑިސެމްބަރު

އެންމެފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި މަސައްކަތަކީ، ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މަސްވެރިކަމާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޓްރާންސް ފޯމިންގ ފިޝަރީޒް ސެކްޓަރ އިން ދަ ސައުތުވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް މަޝްރޫޢުގެ ދަށުން، އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ބޭނުމަކީ މިވަގުތު މަސްވެރިންނަށާއި މަސްވެރި އުޅަނދުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، އެ ހުރިހާ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ ގޮތަކަށް އުޅަނދު ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުން ކަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިންނާއި އަދި މަހުގެ އެކި ބާވަތްތައް ތައްޔާރު ކުރާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކުގައި މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ބާނާ މަހުގެ ކޮލޮޓީ ރަނގަޅު ކުރުމާއި، ކަނޑުމަތީގައި މަސްވެރިންގެ ރައްކާތެރިކަން އިތުރު ކުރުމާއި، ދޯނީގައި މަސް ގިނަ ދުވަހު ރައްކާކުރެވޭނެ ގޮތްތަކާއި، މަސް ބޭނުމުގެ ތެރޭގައި މަހަށް ލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކާއި، ފަސޭހައިން ދޯންޏަށް މަސް އަރުވާ ބޭލޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން މަސްއައިން ހޯދުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ގިނަ ދުވަހަށް އެން ރައްކާ ކުރެވޭނެ ގޮތްތަކާއި، ތެލަށް ކުރާ ޚަރަދު ކުޑަ ކުރުމާއި، އަދި ތިމާވެއްޓާއި ރައްޓެހި މަސްވެރިކަމެއް ކުރެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކޮށްފައެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އަލަށް ފަރުމާކުރާ މަސްވެރި އުޅަނދު ވާނީ މި ކަންތައްތަކަށް ރިއާޔަތް ކޮށްގެން ފަރުމާކުރާ އުޅަނދަކަށް ކަމަށެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢަކީ ކުރިއަށް އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބިނާކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފައި، ޚަރަދު ކުޑަ އަދި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް މަސްވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން މަސްވެރިންނާއި މަހުގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް އިޤްތިޞާދީ ކުރިއެރުންތައް ލިބިގެންދާނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން މަސްވެރިކަމަކީ، ފައިދާހުރި ވަޒީފާއެއްގެ ގޮތުގައި ކުރެވޭނެ ދާއިރާއެއްގެ ގޮތުގައި ދައްކުވައިދީ، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި ކަޅުބިލަ މަހުގެ ވާދަވެރިކަން އިތުރު ކުރުމަކީވެސް މި މަޝްރޫޢުގެ މުހިއްމު ބޭނުމެކެވެ. މި ޒަމާނީ މަސްވެރި އުޅަނދަކީ، ރާއްޖޭގެ މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، މުޖުތަމަޢާއި ތަރައްޤީގެ ކުރިމަގަށް ކުރާ އިސްތިރާޖީ އިންވެސްޓްމަންޓެއްކަން އެ ވުޒާރާއިން ވިދާޅުވިއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށްޓަކައި، މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއެކު މިހާރު ގެޒެޓްގައި އިއުލާންކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ، 18 ޑިސެމްބަރު 2025 ވަނަ ދުވަހުގެ 14:00 އެވެ. މި މަސައްކަތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، އަދި ޖޮއިންޓް ވެންޗަރގެ ގޮތުގައިވެސް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.