ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު މުސާރަ ނުލިބޭގޮތަށް 3 މަސް ދުވަސްވަންދެން މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، އެހެން ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ނިންމަވައިފިއެވެ.
އެލްޖީއޭއިން މިގޮތަށް ނިންމެވީ ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށްގެންދިޔަ އިންކުއަރީއަށްފަހުއެވެ.
އެލްޖީއޭއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ހޯރަފުށީ ކައުންސިލްގެ އިންކުއަރީއެއް ހިންގުމުގެ ހުއްދަ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ދެއްވީ މިދިޔަ ޖޫން މަހުގެ 29ވަނަ ދުވަހުއެވެ. އެ އިންކުއަރީގައި ހޯރަފުށީ ކައުންސިލު މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ 7 ދުވަހުގެ ފުރުޞަތު ދީފައިވެއެވެ. މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ހޯރަފުށީ ކައުންސިލް އިދާރާގައި، މަސައްކަތް ކުރާ މުވައްޒިފުންގެ ތެރެއިން ގުޅުންހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މަޢުލޫމާތު ސާފުކޮށްފައިވާނެ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
މި އިންކުއަރީން ފާހަގަ ކުރެވުނު ކަންކަމުގެ ބަޔާނާ މެދު ޖަވާބުދާރީވުމަށް ރަސްމީ 7 ދުވަހުގެ ފުރުޞަތެއް ހޯރަފުށީ ކައުންސިލުގެ މެންބަރުންނަށް ދީފައިވާއިރު އެމުއްދަތުގައި ކައުންސިލުން ޖަވާބުދާރީވެފައިވާ ކަމަށްވެސް އެލްޖީއޭއިން ވިދާޅުވިއެވެ.
އެލްޖީއޭއިން ވިދާޅުވީ މިއިންކުއަރީގައި ބަލާފައިވަނީ ހޯރަފުށީ ކައުންސިލުން، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ޤާނޫނާއި ގަވާއިދާއި ޚިލާފަށް ކޮރަޕްޝަނަށް މަގުފައިވާގޮތަށް 5000 އަކަފޫޓުގެ ބިމެއް ދީފައިވާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއާއި، އެ ކައުންސިލުން ލާމަރުކަޒީ ޤާނޫނާއި ލޯކަލް ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދާ، އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންކަން ކުރަމުންދާކަމަށްބުނެ ހުށަހެޅިފައިވާ ޝަކުވާތަކާއި އެކު ޖުމްލަ 8 މައްސަލައެއް ކަމަށެވެ.
މި މައްސަލަތަކުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އެނގޭ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ. އަދި އޮތޯރިޓީގެ އެންގުމަށް ޢަމަލުނުކުރަން ކައުންސިލުގެ ޖަލްސާއަކުން ނިންމާފައިވާކަން އެނގެން އޮތް ކަމަށެވެ.
މި އިންކުއަރީއާ ގުޅިގެން ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ ރައީސް ކަމަށްވާތީ، މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ހޯރަފުށީ ކައުންސިލް ރައީސް މުޙައްމަދު ވަޙީދު، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެކަހެރި ކުރުމަށް ނިންމާފައިވާކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
އަދި އެ ކައުންސިލުގެ ނައިބު ރައީސް އަޙްމަދު އިމްދާޙު އާއި މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރާއި މަރްޔަމް ވަކީލާއާއި އާމިނަތު ވިސާމާ އާއި އާމިނަތު ނާސިހާ އަދި އަޙްމަދު ރައޫފަށް ނަސޭހަތްތެރިވާން ނިންމާފައިވާ ކަމަށްވެސް އެލްޖީއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް، އެލެޖީއޭގެ ބޯޑުން ވަނީ ނިންމާފައެވެ.