ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓްތަކުގެތެރެއިން، އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއިން ވިދާޅުވެއްޖެއެވެ.
އެފްޑީސީން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދޫކޮށްފައިވަނީ އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގައި ހިމެނޭ އެޕަރޓްމަންޓްތަކެވެ. އެއީ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއިން ވިދާޅުވީ ފްލެޓްތައް ދޫކުރުމަށް މިހާރު ތާވަލުކޮށްފަވާ ތާރީޚުތަކާ އެއްގޮތަށް ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން އަމާން އުދަރެސް ޓަވަރު 11، 12، 15، އަދި 16 ވަނަ ޓަވަރުގައި ހިމެނޭ އެޕަރޓްމަންޓްތަކުގެ ތަޅުދަނޑިތަައް ފްލެޓް ލިބުނު ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ފެށިފާއިވާކަމަށާއި، 13 ވަނަ ޓަވަރު ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
އެފްޑީސީން ވިދާޅުވީ، މި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:30އިން މެންދުރު 3:30އަށް ކުރިއަށްދާކަމަށެވެ. އަދި ފްލެޓްތައް ދޫކުރުމަށް ތާވަލުކޮށްފައިވާ ތާރީހާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެކަމަށާއި، އަމާޒަކީ ވީހާވެސް އަވަހަކަށް މި ފްލެޓްތައް ދޫކުރުންކަމަށް ވިދާޅުވިއެވެ.
ޑިސެންބަރު 2ވަނަ ހަފްތާ: އުދަރެސް ޓަވަރު - 11، 12، 13، 15، 16
ޑިސެންބަރު 5ވަނަ ހަފްތާ: ދޯދި ޓަވަރު - 1 ،2 ،3 ،4 ،12 ،13 ،14
ޖަނަވަރީ 2ވަނަ ހަފްތާ: ދޯދި ޓަވަރު - 15 ،16
ޖަނަވަރީ 3ވަނަ ހަފްތާ: އުދަރެސް ޓަވަރު - 5، 6، 8
ޖަނަވަރީ 4ވަނަ ހަފްތާ: އުދަރެސް ޓަވަރު - 1، 2، 3، 4، 7
ޖަނަވަރީ 5ވަނަ ހަފްތާ: އުދަރެސް ޓަވަރު - 5، 10
ޖަނަވަރީ 5ވަނަ ހަފްތާ: ދޯދި ޓަވަރު - 5، 6، 7، 8، 9، 10، 11
ފްލެޓްތަކުގައި މިހާރު ވަނީ އިމާރާތުގެ ހުރިހާ މަސައްކަތްތައް ނިމިފައެވެ. ގިނަ ޓާވަރުތަކުގައި ކުރިއަށްދަނީ ޔުޓިލިޓީ ޚިދުމަތްތަކާ ގުޅޭ، ޓެސްޓްތައް ކުރުމުގެ މަސައްކަތްތަކެވެ.
ޤަވާޢިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޤަވާޢިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމަވާފައެވެ.