ޚަބަރު

މި ސަރުކާރުން މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދާދީފި


  • ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުން

  • މަސްވެރިންނަށް ފައިނޭންސް ލިބޭނޭ ގޮތްތައް ހައްދަވާ ދެއްވި

  • މަސްވެރިންގެ ދަފުތަރެއް އެކުލަވާލި

މަސްވެރިކަމަކީ، ދިވެހީންގެ ލޭނާރެވެ. ޤައުމުގެ އިޤްތިޞާދުގެ އެންމެ ބޮޑު އެއް ބިންގަލަކީ، މަސްވެރިކަމެވެ. ޒަމާނުއްސުރެ ދިވެހީން ކުރަމުން އައި މި މަސައްކަތަކީ، ދިވެހީންގެ ދިރިއުޅުމާއި، ޘަޤާފަތާއި، ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ މަސައްކަތެކެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައިދޭ އެއް ވަސީލަތްވެސް މެއެވެ.

ނަމަވެސް ހިތާމައަކީ، މި ސިނާޢަތައް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމެކެވެ. ވެރިކަމުގައި ހުރި ކޮންމެ ދުވަހަކު މަސްވެރިންނަށް އެތައް ހުވަފެންތަކެއް ދައްކަމުން ދިޔައިރު އެއިން އެއް ވަޢުދެއްގައިވެސް ޒައްރެއްގެ މިންވަރުވެސް ކުލަ ނުޖެއްސުނު ކަމެވެ. ނަމަވެސް މި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް އެކަށައަޅާފައިވާ ސިޔާސަތުތަކާއި ގެނައުމަށް ކަނޑައަޅާފައިވާ ބަދަލުތަކާއި ގުޅިގެން މަސްވެރިންނަށް މިހާރު މިވަނީ އައު ޢުންމީދުތަކެއް ލިބިފައެވެ.

ދައްކަމުންދިޔަ ހުވަފެންތަކުގައި ކުލަ ޖައްސާދިނީ މި ސަރުކާރުން!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި އެއް މަސައްކަތަކީ ރާއްޖޭގެ މަސްވެރިކަން، ރާއްޖޭގެ ހަޤީޤީ ލޭނާރަށް ހަދައިދިނުމެވެ. އެގޮތުން މަސްވެރިންގެ ކަންބޮޑުވުންތައް ވީހާވެސް ގާތުން އަޑުއައްސަވާ، މި ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިފަދައިން ކުރި އެއް މަސައްކަތަކީ، މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

"އަޅުގަނޑުމެން ހަވާލިވިއިރުގައި މަސްވެރިންނަށް ނުދީ އޮތް 250 މިލިޔަން ރުފިޔާ ވަރު. އެވެސް ދީފަ 10 ޑިސެމްބަރާ ހަމައަށް އެދިޔަ ދުވަސްތަކުގަ އެކިފަހަރުމަތިން މަސްވެރިންގެ ފައިސާ ދީ އެއްކޮށް ކިޔާ ބެކްލޮގް ސާފުކުރިން. ސާފުކޮށްފަ ދެން 10 ޑިސެމްބަރުން ފެށިގެން ދުވަހުން ދުވަހަށް 48 ގަޑިއިރު ތެރޭގައި މިދަނީ." ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ވީ ވަޢުދާއެކު މަޝްރޫޢުތަކުގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި

މަސްވެރިކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މަސްވެރި އުޅަނދުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން ދިޔައިރު، މިފްކޯގެ މަސް ގަންނަ ކާރުޚާނާތައް އެ ފެންވަރަށް ތަރައްޤީވެގެން ނުދިޔުމެވެ. ނަތީޖާއަކަށް ވީ މަސްވެރިން ބާނާ މަސް ކިރުވުން މިފްކޯއަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. މިފްކޯގެ އެވަރުގެ ކެޕޭސިޓީއެއް ނެތުމެވެ. މިދިޔަ ސަަރުކާރުންވެސް މިކަމަށް ހައްލެއް ހޯދައިދިނުމަށް ގިނަ މަޝްރޫޢުތަކެއް ފެށި ކަމަށެވެ.

މި ސަރުކާރުން މިވަނީ، މި މަޝްޢޫރުތައް އަވަސްކުރުމުގެ އިތުރުން އެންމެ ބޭނުން ޖެހިފައިވާ ހިސާބުތަކުގައި އިތުރު ކާރުޚާނާތައް ތަރައްޤީ ކުރުމަށް ނިންމާފައެވެ. އެގޮތުން މަސްވެރިކަމާއި ގުޅޭ ވުޒާރާގެ ވަޒީރު ވަނީ، ދެކުނުގައި މަސް ބަންދުކުރާ ކާރުހާނާއެއް އަދި އުތުރުގައި މަސް ގަންނަ އިތުރު ފެސިލިޓީއެއް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މަސްވެރިން ބާނާ މަސް ރައްކާ ކުރުމާއި، އެ މަސް ދިވެހިރާއްޖޭގައި ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ 25000 ޓަނަށް އިތުރު ކުރުމާއެކު މަސް ޕްރޮސެސް ކުރާނެ އިތުރު ކާރުޚާނާތައް އެޅުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަށް އެތައް ފުރުސަތުތަކެއް

މި ސަރުކާރުން އެންމެ އަޑުހަރުކޮށް ގޮވާލާ އެއްކަމަކީ، މަސްވެރިންނަކީ ދަޢުލަތް ދަންނަ ބަޔަަކަށް ހަދާނެ ކަމަށެވެ. މިކަމަށްޓަކައި މަސްވެރިކަމުގެ ދަފްތަރެއް އެކުލަވާލިއެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް ވަނީ ލޯނު ދޫކުރަން ފަށާފައެެވެ. މީގެ އިތުރުން ފަރު މަސްވެރިކަން ކުރަން ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އައިސް ލިބުމުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސް ދެއްވުމަށް ދޯނިފަހަރުގައި އާރު.އެސް.ޑަބްލިއު ސިސްޓަމް ހަރުކުރުމަށްވެސް ދަނީ ލޯނު ދޫކުރަމުންނެވެ.

މި ސަރުކާރަކީ، ކޮންމެ ކަހަލަ މަސްވެރިކަމެއްވެސް ބަލައިގަންނާނެ ސަރުކާރެކެވެ. އެގޮތުން ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ 1 ނޮވެމްބަރ އިން ފެށިގެން ސަރުކާރުން ވަނީ ދީފައެވެ. އަދި ކަށި މިޔަރުގެ މަސްވެރިކަން ކުރެވޭނެ ޤަވާއިދުތަކާއި އުސޫލުތައް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ.

މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރި

ރާއްޖެއަކީ، ފަރުމަހުގެ މަސްވެރިކަމުން އާމްދަނީ ހޯދާ ފަރާތްތައް ގިނަ ޤައުމެއް ނަމަވެސް ކުރީގެ ސަރުކާރުތަކުން މި ދާއިރާއަށް އޮތީ އިހުމާލުވެފައެވެ. އަދުގެ ސަަރުކާރުންވަނީ، ފަރު މަސްވެރިކަމުގެ ދާއިރާއަށްވެސް ބަދަލުތައް ގެނެސް، މިދާއިރާއިން އާއްމުންނަށް ލިބޭ ނަފާ އިތުރުކުރުމަށް ރާވާފައެވެ. އެގޮތުން ފަރުމަސް އާލާކުރާނެ ގޮތް ދަސްކޮށްދޭނެ ޓްރެއިނާސް ތަމްރީންކޮށް، އެކަމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި، އެކުއަކަލްޗަރގެ ހުނަރުތައް ގިނަ ޒުވާނުންތަކަކަށް ދަސްކޮށްދީ، އެދާއިރާގެ ވިޔަފާރިތައް ފުޅާކުރަން ބާރުއެޅުން ހިމެނެއެވެ.

ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވަމުންދާއިރު، މި ސިނާޢަތުން ލިބޭ ނަފާ އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް މި ސަރުކާރުން ދަނީ، މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢާތް ސިންދަފާތު ކުރުމަށް ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަން ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ކަނޑުފަޅުން ލިބޭ ނަފާ އިތުރު ކުރުމަށް މުޅިން އައު ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ އަދި އެކުއަކަލްޗަރ ދަނީ ތަރައްޤީ ކުރަމުންނެވެ.

މަސްވެރިންނަށް އެތައް ފުރުސަތުތަކެއް ހުޅުވާލަ ދިން

މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، މި ސަރުކާރުން މަސްވެރިންނަށް ހޯދައިދިން ފުރުސަތަކީ ނުވަތަ މި ސިނާޢަތަށް ގެނެސްދިން އާރޯ ކަމަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. ކޮންމެއަކަސް، މަސްވެރިކަމުގެ ސިނާޢަތުގެ ހުރިހާ ދޮރެއް ހުޅުވާލައި، މަސްވެރިންނަށް ދައުލަތުގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ގޮތްތައް ހަމަޖައްސާ ދިނީ، މި ސަރުކާރުންނެވެ. ހަޤީގަތުގައިވެސް މަސްވެރިންނަކީ ދައުލަތް ދަންނަ، އިޤްތިޞާދަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ބަޔަކަށް މި ސަރުކާރުން ވަނީ ހަދާދީފައެވެ.