ޚަބަރު

ރަސްމާލެ: 215 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކައިފި


  • ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ 3 ގުނަ އަވަސްކޮށްފައި

  • ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކާނެ

  • މި މަސައްކަތް ކުރަނީ 12 ސަރަޙައްދަކަށް ބަހާލައިގެން

  • ބިން ހިއްކުމުގެ މަސައްކަތް މާރިޗުގެ ނިޔަލަށް ނިމޭނެ

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާ ނިންމާލައިފިއެވެ.

ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް މިމަހުގެ ފުރަތަމަ ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި އެނޫންވެސް ޖާގައިގެ ދަތިކަމަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން ހައްލު ގެނައުމަށް ސަރުކާރުންވަނީ "ރަސްމާލެ" ނަމުގައި ބިޔަ މަޝްރޫޢެއް ފައްޓަވާފައިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުން ދަނީ ކުރަމުންނެވެ.

ސްރީލަންކާގެ ކެޕިޓަލް މެރިންއެންޑް ސިވިލް ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވާ 29 ހެކްޓަރުގެ މަސައްކަތްވަނީ ނިމިފައެވެ. އަދި މިވަގުތު މޯހަން މުތާއާއި ހަވާލުކޮށްފައިވާ 394 ހެކްޓަރުގެ ތެރެއިން 100.6 ހެކްޓަރުވަނީ ހިއްކާ ނިންމާލާފައެވެ. މީގެ އިތުރުން ޗައިނާ ހާބަރ އިނޖިނިއަރިންގއާއި ހަވާލުކޮށްފައިވާ 265 ހެކްޓަރުގެ ތެރެއިން މިހާރުވަނީ 53.25 ހެކްޓަރުގެ ބިން ހިއްކާފައެވެ.


އެޗްޑީސީން ވިދާޅުވީ، ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެވުނު 2 ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އެގޮތުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށް އެކޯރޕަރޭޝަނުން ވިދާޅުވިއެވެ.

މައްޗަންގޯޅީގެ ރައްޔިތުންނާއެކު މިމަހުގެ ތެރޭގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ރައީސް ރަސްމާލެ ބިން ހިއްކާ ނިމޭއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ނިމޭނެކަމަށެވެ. ރަސްމާލެއިން ޖުމްލަ 25000 ގޯތިދޫކުރުމަށް ނިންމާފައިވާއިރު ފުރަތަމަ ބުރުގައި 15000 މިހާރުވާނީ ޢިއުލާންކޮށްފައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދަން މާލީ ކަންކަމާ ބެހޭ ވުޒާރާއިން ވަނީ އިޢުލާންކޮށްފައެވެ.

މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ. މިއީ، ވެރިކަން ކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމުގެ ބޭނުމުގައި އެކުލަވައިލާ މާސްޓަރ ޕްލޭނެއްް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެ މާސްޓަރ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި އަދި އިޤްތިޞާދީ ގިނަ މަސައްކަތްތަކެއްގެ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އިކޯސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލޭގެ މަސައްކަތް ސަރުކާރުން ފެށީ 2023 ވަނަ އަހަރުގައެވެ.