ޒަކާތު ފަންޑުން އިންވެސްޓްކޮށް، އެ ފަންޑަށް ދާއިމީކޮށް ފައިސާ އިތުރުކުރެވޭނެ ގޮތްތަކެއް، ކުރިއަށް އޮތް 2 އަހަރުގެތެރޭގައި ހޯއްދަވައިދެއްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޒާކާތާ ބެހޭ ޤާނޫނެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ތަސްދީޤުކުރައްވާފަވާއިރު، ބޭނުންވެއްޖެނަމަ، ފަންޑަށް ފައިސާ އިތުރުކުރުމަށް އިންވެސްޓް ކުރުމުގެ ފުރުޞަތު މި ޤާނޫނުން ފަހިކޮށްދެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޒަކާތު ފަންޑުން އިންވެސްޓްކުރަން ޤާނޫނުން ލާޒިމުނުކުރާކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަށް ބަލާއިރުވެސް، ޒަކާތުގެ ބެހެނިވެރިންގެ ޙާޖަތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ.
ޤާނޫނު ބުނާގޮތުން، ފަންޑަން ޖަމާކުރެވޭ ފައިސާ، އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދާކުރާ ގޮތެއްގެމަތިން އިންވެސްޓްކުރެވޭނެއެވެ.
ވަޒީރު ވިދާޅުވީ ޒަކާތު ފައިސާއިން އިންވެސްޓް ކުރެވިދާނެކަމަށް ޤާނޫނުގައި ހިމަނާފައިވަނީ މިކަމާ ގުޅޭގޮތުން ބޮޑެތި ދިރާސާތައްކޮށްފަވާ ފިޤްޙް އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކުގެ ތަޢުޔަށް ރިއާޔަތްކޮށްކަމަށެވެ. އެހެންކަމުން ރާއްޖެއިންވެސް ބުރަވެފައިވަނީ ވަކި ޝަތުރުތަކަކާއެކު އެކަން ކުރެވިދާނެކަމަށް ކަމަށާއި، ނަމަވެސް ޤާނޫނުން އެކަން ލާޒިމު ނުކުރާކަމަށެވެ.
"ސީދާ އިންވެސްޓް ކުރަންޖެހޭނެކަމަށް ޤާނޫނެއް ނުބުނޭ. އެކަމަކު އެއީ ކުރެވިދާނެކަމަށްކަމަށް ބަޔާންކޮށްފަވަނީ. ބެހެނިވެރިންގެ ޙާޖަތްތައް ވަރަށް ބޮޑަށް އިތުރުވެއްޖެ، ލިބޭ މިންވަރަށްވުރެ. އިންވެސްޓް ކުރިއަށް ބަލާނެ ޙާޖަތްތަކަށް އެއްވެސް އުނިކަމެއް ނާންނަގޮތަށް އެކަން ކުރަ" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޒަކާތު ފަންޑުން އިންވެސްޓްކޮށް، ފަންޑަށް ވަންނަ ފައިސާ އިތުރުކުރުމުގެ ވިސްނުން ސަރުކާރުގެ އެބަހުރިކަމަށާއި އެކަމަށް ކުރިއަށް އޮތް ދެ އަހަރު މަސައްކަތްތައްވެސް ކުރާނެކަމަށެވެ. މިއީ ޒަކާތުގެ މަންފާ ވީހާވެސް ގިނަ ބަޔަކަށް ކުރާނެ ގޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޤަބޫލުކުރަނީ އިންވެސްޓްމަންޓް ޤާއިމުކޮށް، ދާއިމީކޮށް ފައިސާ ވަންނާނެ ގޮތެއް އޮންނަންޖެހޭކަމަށް. ޒަކާތު ފަންޑުން އިންވެސްޓްކޮށް، ކުރިއަށް އޮތް 2 އަހަރުތެރޭ، މި ފަންޑަށް އިތުރު ފައިސާ ވަންނާނެ މަގު ހަމަޖައްސާނަން. ޒަކާތު ހައުސްއަކީ ދިވެހިން ފަޚުރުވެރިވާފަދަ މުވައްސަސާއަށްވާނެކަމުގެ ޔަގީންކަން ދެން" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
މި ވޭތުވެދިޔަ 2 އަހަރަކީ، ރާއްޖެއަށް ޒަކާތުގެ ގޮތުގައި އެންމެ ގިނަ ޢަދަދަކަށް ފައިސާ ޖަމާކޮށްފަވާ ދެ އަހަރައެވެ. މިދިޔަ އަހަރު އެކަނިވެސް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފަންޑަށް ޖަމާކުރިއެވެ.
ޒަކާތުގެ ޤާނޫނެއް ވުޖޫދުކޮށްފަވަނީ، ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، މި ނިޒާމަކީ ދެފުއް ފެންނަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމަކަށް ހެދުމަށެވެ. މި ޤާނޫނަށް ޖެނުއަރީ 1އިން ފެށިގެން ޢަމަލުކުރަންޖެހޭނެއެވެ.