ޚަބަރު

އިންސާނީ ޙައްޤުތަކަށް ހޭލުންތެރި ކުރުމަށްޓަކައި ކުޑަކުދިންގެ ހަވީރެއް


  • މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވޭ

  • އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ޙިއްސާކުރި

އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅުވައިގެން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމްއިން އިސްނަގައިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅުންހުރި ހަރަކާތްތައް އެޗްއާރުސީއެމްއިން ކުރިއަށް ގެންދަނީ ކ. ގުރައިދޫގައެވެ. މި ހަވީރަށް ގިނަ އަދަދެއްގެ ޢާންމުންނާއި، ކުޑަކުދިން ޒިޔާރަތް ކުރިއެވެ.

އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅުވައިގެން ބޭއްވި ހަވީރުގައި ކުޑަކުދިން ޝައުޤުވެރިވާނެ ތަފާތު ކުޅިވަރުތައް ކުޅެވޭނެ ގޮތް ފަހިކޮށްދީފައި ހުއްޓެވެ. އަދި ކުޑަކުދިންގެ ހަވީރުގައި ތަފާތު ސްޓޯލްތައް ހުރިއިރު، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ބޮޑުބެރުގެ އެކި ހަރަކާތްތަކާއި، މަޝްހޫރު ކުޑަކުދިންގެ ފިލްމް ކެރެކްޓަރތަކުގެ ހަރަކާތްތައް ދައްކާލާފައިވެއެވެ.

ކުޑަކުދިންގެ ހަވީރުގެ ތެރެއިން އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ޙިއްސާ ކުރިއެވެ. އެގޮތުން އިންސާނީ ޙައްޤުތަކަކީ، ކޮބައިކަމާއި ޙައްޤު ނިގުޅައިގަނެވޭ ހާލަތްތަކާއި، އިންސާނީ ޙައްޤު ހިމާޔަތް ކުރެވޭނެ ގޮތްތައް ކިޔައިދީ، ހަވީރުގެ ތެރެއިން މަޢުލޫމާތުދިނެވެ.

ހަވީރަށް ޒިޔާރަތް ކުރި ގިނަ ކުދިން ބުނީ، މި ހަރަކާތުގެ ސަބަބުން އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ކުރިން ނޭނގޭ ގިނަ މަޢުލޫމަތުތަކެއް އެނގުނު ކަމަށެވެ. އަދި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީ، ޙައްޤުތައް ހިމާޔަތް ކުރުމަކީ ކިހައި މުހިންމު ކަމެއްކަން ހަވީރުގެ ތެރެއިން އެނގުނުކަން އެކުދިން ފާހަގަކުރިއެވެ.

އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރަން ކުޑަކުދިންގެ ހަވީރެއް ބޭއްވިއިރު، އެޗްއާރުސީއެމްއިން ވަނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް، އެތަނުގައި ބަލަހައްޓައި މީހުންނަށް ހަދިޔާ ދިނުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. އަދި މަރުކަޒުގައި ވަނީ، މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއްވެސް ބާއްވާފައެވެ.

ކޮންމެ އަހަރެއްގައިވެސް ބައިނަލްއަޤުވާމީ އިންސާނީ ޙައްގުތަކުގެ ދުވަސް ފާހަގަކުރަނީ، 10 ޑިސެންބަރުގައެވެ. މި ދުވަސް އިންސާނީ ޙައްގުތަކުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ، 1948 ވަނަ އަހަރު އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގައި ފާސްކޮށް ނެރުނު ޤަރާރަކުންނެވެ. މިއީ، މި ދުވަސް ފާހަގަކުރާ 77 ވަނަ އަހަރެވެ.

އިންސާނީ ޙައްގުތަކަކީ، އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤުތަކެކެވެ. މީހެއްގެ ފުދުންތެރި ކަމަކަށް، ހައިސިއްޔަތަކުން ނުވަތަ މީހާ އުފަންވެފައިވާ ޤައުމަކުން މި ޙައްޤުތަކެއް ބަދަލެއްނުވެއެވެ. މި ޙައްޤުތައް ކަށަވަރު ކުރުމަށް ޤައުމުތަކުން ޤާނޫނުތަކުގައި އެ ޙައްޤުތައް ބަޔާންކޮށް އެއަށް އަމަލުކުރަމުންދެއެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެއް ބޭނުމަކީ، އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމާ ގުޅޭގޮތުން މުޖުތަމަޢު އަހުލުވެރިކޮށް ހޭލުންތެރި ކުރުމެވެ.