ޚަބަރު

އަމާން އުދަރެހުގައި ޖީޕީ ކްލިނިކެއް ތަރައްޤީ ކުރަނީ


  • މާލެއާއި ހުޅުމާލޭގައި ޖީޕީ ކްލިނިކްތަކެއް ތަރައްޤީކުރުމަށް ނިންމާފައިވޭ

  • އަމާން އުދަރެހުގައި ހަދާ ޖީޕީ ކްލިނިކުން ކުޑަކުދިންނަށް ވެކްސިން ދިނުން ފަދަ ޚިދުމަތް ލިބޭނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖެނަރަލް ޕްރެކްޓިސްގެ ކްލިނިކެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ.

މި ކްލިނިކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފުލެޓުގެ ތެރެއިން އަމާން އުދަރެހުގެ ޓަވަރެއްގައެވެ. މިކަމުގެ އެއްބަސްވުމެއްގައި ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ވަނީ ސޮއިކޮށްފައެވެ.

ޖީޕީ ކްލިނިކް ތަރައްޤީކުރުމަށް ހުޅުމާލޭ ހޮސްޕިޓަލާއި އެފްޑީސީއާ ދެެމެދު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އާބަން ޕްރައިމަރީ ހެލްތު ކެއަރ ކްލިނިކެއް އަމާން އުދަރެސް ޓަވަރު ހަޔެއްގައި ތަރައްޤީކުރެވޭނެކަމަށެވެ.

އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މިހާރުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުމާލެ ހޮސްޕިޓަލުން ޖީޕީ ކްލިނިކެއް ހިންގަމުން ގެންދާކަމަށެވެ. ނަމަވެސް އަލަށް ތަރައްޤީ ކުރާ ކްލިނިކުން އިތުރު ޚިދުމަތްތަކެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ކްލިނިކުން ކުޑަކުދިންނަށް ވެކްސިން ދިނުމާއި ބަރުދަން ބެލުމާއި ކައުންސެލިންގެ ޚިދުމަތް ލިބޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މީގެ އިތުރުން އިތުރު ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި ޖީޕީ ކްލިނިކު މެދުވެރިކޮށް އަވަހަށް އެޕޮއިންޓުމަންޓް ލިބޭނެ ގޮތް ވެސް ހަމަޖެހޭނެކަމަށް ވިދާޅުވިއެވެ.

"މީގެ ފައިދާ ހަމަ ޔަގީނުން ވެސް ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ. އެއީ، ހޮސްޕިޓަލްތަކަށް ޖީޕީ ސަރވިސް ހޯދަން ވަޑައިގަތުމުގެ ބަދަލުގައި ޖީޕީ ކްލިނިކުން މި ޚިދުމަތް ހޯދާފައި އިތުރު ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި ޖީޕީ ކްލިނިކު މެދުވެރިކޮށް އަވަހަށް އެޕޮއިންޓުމަންޓް ލިބޭނެ ގޮތް ވެސް ހަމަޖެހޭނެ" މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލެ ސަރަހައްދުގައި 6 ޖީޕީ ކްލިނިކް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ މާލޭގައި 4 ޖީޕީ ކްލިނިކާއި ހުޅުމާލޭގައި ތަރައްޤީކުރާ 2 ކްލިނިކެވެ. އެގޮތުން ހެންވޭރުގައި ޖީޕީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި މަސައްކަތް ކުރަނީ، އެ ކްލިނިކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ޖީޕީ ކްލިނިކެއް ހިންގައެވެ. ހިޔާ ޓަވަރު 16ގައި ހިންގާ އެ ކުލިނިކުން 24 ގަޑިއިރަށް ޚިދުމަތް ދޭން ފެށީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ހުޅުވާފައިވަނީ މިިދިޔަ މަހުގައެވެ. މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޖީޕީ ކްލިނިކްތަކުގެ އިތުރަށް އަތޮޅުތެރޭގައިވެސް އެފަދަ ސެންޓަރުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި ހުޅުވި ފުރަތަމަ ޖީޕީ ކްލިނިކުން ޞިއްޙީ އާންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި މެޑިކަލް ޗެކަޕްތައް ހެދުމާއި އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ޚިދުމަތްތައް ދޭނެއެވެ. މި ސެންޓަރުގައި އާންމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއި ކުޑަކުދިންގެ ހެލްތު ކްލިނިކާއި ވެލްނެސް ކްލިނިކެއް ވަނީ ގާއިމްކޮށްފައެވެ. އެ ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދެއެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދެއެވެ.

މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދަވާނެއެވެ.