ޚަބަރު

ކައުންސިލަރުންގެ އަދަދު 629 އަށް މަދުކޮށް، ފައިސާ ރަށު ތަރައްޤީއަށް


  • 133 ރަށެއްގެ ކައުންސިލަރުންގެ އަދަދުން 5 ން 3 އަށް މަދުވާނެ

  • ޖުމްލަ އިންތިޚާބު ކުރެވޭ ރަށު ކައުންސިލަރުންގެ އަދަދު 629 އަށް މަދުވާނެ

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް އުފެދިގެން އައި ދުވަހުން ފެށިގެން މިހާތަނަށް އެކި ފަހަރުމަތިން ކައުންސިލަރުންގެ އަދަދުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. މިހާރު ހިނގަމުންދާ ދައުރުގައި ކިތަންމެ ކުޑަ އާބާދީއެއް އޮތް ރަށެއް ކަމުގައިވިޔަސް ތިއްބަވަނީ 5 ކައުންސިލަރުންނެވެ. ނަމަވެސް ޤާނޫނުތަކަށް ގެނައި އިސްލާހުތަކާއެކު މިހާރު ވަނީ ކައުންސިލަރުންގެ އަދަދު އާބާދީގެ ނިސްބަތުން ބަދަލުވާގޮތަށް ހަދާފައެވެ.

ލޯކަލް ކައުންސިލްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މެދުވެރިކޮށް ދިރާސާއެއް ހެދިއެވެ. އެ ދިރާސާއިން ލާމަރުކަޒީ ނިޒާމާއި ކައުންސިލް އެކުލެވިގެންވާ ގޮތާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ބޮޑަށް ހާމަވެގެންދިޔައެވެ. ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ކުދި އާބާދީ ރަށްރަށުގައި 5 ކައުންސިލަރުން ތިބުމަކީ ބޭކާރު ކަމެކެވެ.

ގިނަ ރަށްރަށުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި 5 މެންބަރުން ތިބުމުގެ ސަބަބުން ގިނަ ފަހަރަށް ކައުންސިލަރުންގެ ތެރެއިން ގިނަ މެންބަރުން ތިބެންޖެހެނީ ކުރަންޖެހޭ މަސައްކަތެއް ނެތިފައެވެ. އޮފީހަށް ހާޒިރީ މާކު ކުރުމަށްފަހު އަމިއްލަ މަސައްކަތްތައް ކުރުމުގައި ކައުންސިލަރުން ތިބޭކަމުގެ ޝަކުވާތައްވެސް ރައްޔިތުންގެ ފަރާތުން ވަނީ ފާޅުކޮށްފައެވެ.

ރައްޔިތުންގެ މި ކަންބޮޑުވުންތަކާއި ކައުންސިލްތައް އެކުލެވިގެންވާގޮތުގެ ސަބަބުން ހުރި ގޮންޖެހުންތަކުގެ ސަބަބުން އަދުގެ ސަރުކާރުން ނިންމެވީ ކައުންސިލްތައް އެކުލެވިގެންވާގޮތަށް ބަދަލު ގެންނަވައި، ލާމަރުކަޒީ ނިޒާމުގެ ޙަގީގީ ފޮނިމީރުކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ގެނައި އިސްލާހުތަކާއެކު މިހާރު ވަނީ އަތޮޅު ކައުންސިލްތައް އުވާލާފައެވެ. އަދި 2000 އަށްވުރެ ކުދި އާބާދީ ރަށްރަށުގައި 3 ކައުންސިލަރުން، އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި 5 ކައުންސިލަރުން ތިބޭ ގޮތަށް މިހާރު ވަނީ އިސްލާހު ކުރައްވާފައެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަކީ ރަށު ކައުންސިލްތައް ހަގީގީ މާނައިގައި ބާރުވެރިކުރެވިގެންދާނެ ކަމެކެވެ. އެގޮތުން މި ހިނގާ ދައުރުގައި އަތޮޅު ކައުންސިލްތައް އޮތުމުގެ ސަބަބުން ސަރުކާރާއި ރަށްރަށުގެ ކައުންސިލްތަކާ ދެމެދު އިތުރު ލޭޔަރެއް އުފެދިފައިވާ ވާހަކައަކީ އެތައް ބަޔަކު ދައްކަމުން އަންނަ ވާހަކައެކެވެ.

އަތޮޅު ކައުންސިލް ރައީސެއް އިންތިޚާބު ކުރެވުނު ނަމަވެސް އެ ކައުންސިލްގައި ދެން ތިއްބަވަނީ ރަށު ކައުންސިލްތަކުގެ ރައީސުންނެވެ. އެހެންކަމުން އަތޮޅު ކައުންސިލުގައިވެސް އަތޮޅުގެ މަންފާއަށް ކުރެވޭ ކަންކަމަށްވުރެ އެ ރަށެއްގެ ކައުންސިލް ރައީސަކު އެ ރަށެއްގެ މަސްލަހަތު އިސްކުރެއެވެ. އަތޮޅު ކައުންސިލް ރައީސަކަށް ހުންނަވާ ބޭފުޅާއަކީ މުޅި އަތޮޅުގެ ރައްޔިތުން އިންތިޚާބު ކުރާ މެންބަރަކަށް ވިނަމަވެސް އަތޮޅު ކައުންސިލް އެކުލެވިގެންވާގޮތުން، އެ ބޭފުޅާގެ ޙަގީގީ ބާރެއް ކައުންސިލްގައި ނޯވެއެވެ.

އަތޮޅު ކައުންސިލް އުވިގެންދިއުމާއެކު އެ ކައުންސިލްތަކަށް މިހާތަނަށް ދެމުން އައި ބަޖެޓް، އަތޮޅުގެ ރަށު ކައުންސިލްތަކަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ކައުންސިލްގެ ބަޖެޓަށް އެފައިސާ ޖަމާކުރާނީ ރައްޔިތުންގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފާރަތްތަކަށް އެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ލާޒިމް ކުރާ އުޞޫލުންނެވެ. މިއީ ރަށްރަށުގެ ތަރައްގީއާއި އާންމު ރައްޔިތުންނަށްވެސް އޭގެ ސަބަބުން ފައިދާވެގެންދާނެ ބަދަލެކެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލް އުވާލުމާއެކު ދެން އަންނަ ރަށު ކައުންސިލްތަކަށް ފަސޭހަކަމާއެކު ސީދާ ސަރުކަރާ މުއާމަލާތް ކުރުމުގައި ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ގެނައި އިސްލާހުތަކާއެކު އަންނަ އަހަރު ބާއްވާ އިންތިޚާބުގައި 133 ރަށެއްގެ ކައުންސިލަރުންގެ އަދަދުން 5 ން 3 އަށް މަދުވެގެންދާނެއެވެ. އަދި ޖުމްލަ އިންތިޚާބު ކުރެވޭ ރަށު ކައުންސިލަރުންގެ އަދަދު 629 އަށް މަދުވެގެންދާނެއެވެ. 2021ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 890 ކައުންސިލަރުން އިންތިޚާބު ކުރިއެވެ.

މި ބަދަލާއެކު 261 ރަށު ކައުންސިލަރުން މަދުވެގެންދާއިރު މިއީ އެ ރަށްރަށުގެ ބަޖެޓަށްވެސް ލިބިގެންދާ ވަރަށް ބޮޑު ލުޔެކެވެ. މިހާތަނަށް އިތުރު ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި ޚަރަދު ކުރަމުން އައި ފައިސާ، ކައުންސިލުން ރަށާއި ރައްޔިތުންގެ ތަރައްގީއަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ބޭނުންކުރެވޭނެއެވެ.

ތިން ކައުންސިލަރުން އިންތިޚާބު ކުރާ ރަށްރަށުގައި ތިއްބަވާނީ ކައުންސިލް ރައީސާއި އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ގޮނޑިއަށް އިންތިޚާބުވާ ކައުންސިލަރާއި އިތުރު ކައުންސިލަރެކެވެ. އެހެންކަމުން މަސައްކަތެއް ކުރަން ނުޖެހިފައި ނުވަތަ ކައުންސިލް އިދާރާގައި ޖާގަ ނެތިގެން އެއްވެސް ކައުންސިލަރަކަށް ކުރާނެ މަސައްކަތެއް ނެތިފައި ތިބެން ނުޖެހޭނެއެވެ.