ޚަބަރު

ތައިލެންޑާއި ކެމްބޯޑިޔާއާ ޙަމަލާތައް އަނެއްކާވެސް ހުއްޓުވާނީ އަޅުގަނޑު: ޓްރަމްޕް


ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ދެ ޤައުމުގެ ފައުޖުތަކުން ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުވުމަށް ދެ ޤައުމުގެ ވެރިންނަށް ފޯނުން ގުޅުއްވައި، ބާރު އަޅުއްވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މި އަހަރުގެ ކުރީކޮޅު ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރަމުން ދިޔަ ޙަމަލާތައް ވެސް ޖުލައި މަހުގެ ތެރޭގައި ހުއްޓުމަކަށް ގެންނަވާފައި ވަނީ ޓްރަމްޕް އިސްނަންގަވައިގެންނެވެ.

ޕެންސިލްވޭނިޔާގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން އަލުން ރުޖޫއަ ކުރުމަށް ތައިލެންޑާއި ކެމްބޯޑިޔާގެ ވެރިންނަށް ގުޅުއްވައި ބާރު އަޅުއްވާނެ ކަމުގައެވެ. އަދި، ފޯނު ކޯލެއް ކޮށްލައިގެން ބާރުގަދަ ދެ ޤައުމެއްގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައެއް ހުއްޓުވުމުގެ ޤާބިލު ކަން ލިބިގެންވާ އިތުރު ވެރިއަކު އޭނާ މެނުވީ މި ވަގުތު ދުނިޔޭގައި ނުހުންނާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް، ތައިލެންޑުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމާ ގުޅޭ ގޮތުން އަލުން މަޝްވަރާ ކުރުމުގެ މާނައެއް އަދި ބޭނުމެއް ނެތް ކަމުގައެވެ. އަދި، ތިންވަނަ ފަރާތެއް މެދުވެރިވެގެން ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ކެމްބޯޑިޔާގެ ބޮޑުވަޒީރު ހުން މަނޭޓުގެ އިސް މުޝީރަކު ވިދާޅުވީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ މަޝްވަރާތަކަށް އަލުން ފެށުމަށް ހުންގެ ސަރުކާރުން ތައްޔާރަށް އޮތް ކަމުގައެވެ.