ޚަބަރު

ވޯލްޑް ކަޕްގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް ޓްރަމްޕް ވަޑައިގަންނަވާނެ: ވައިޓް ހައުސް


  • މިއީ އެމެރިކާގެ ތާރިހްގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު މުބާރާތް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮރަލްޑް ޓްރަމްޕް ވަޑައިގެންނަވާނެކަމަށް ވައިޓް ހައުސް އިން ހާމަކޮށްފިއެވެ.

ވައިޓް ހައުސްގެ ފަރާތުން މިކަން ހާމަކުރައްވާފައިވަނީ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓްއެވެ. ވައިޓް ހައުސްގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލެވިޓް ވިދާޅުވީ ހުކުރު ދުވަހު ރައީސް ޓްރަމްޕް ނިއުޔޯކް ސިޓީއަށް ވަޑައިގަންނަވާނެކަމަށެވެ. އަދި މިގޮތުން މިދަތުރުފުޅުގައި ޓްރަމްޕް ޓަވަރގައި ފީފާއިން ބާއްވާ ހަފްލާއެއްގައި އެމެރިކާގެ ރައީސް ބައިވެރިވެވަައިގަންނަވާނެކަމަށެވެ. އެއަށްފަހު އާދިއްތަ ދުވަހުގެ ރޭ ދަންވަރު ރާއްޖޭ ގަޑިން 12 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ބައްލަވާލެއްވުމަަށްވެސް ޓްރަމްޕް ވަޑައިގަންނަވާނެކަމަށް ލެވިޓް ވިދާޅުވިއެވެ.

ލެވިޓް ވިދާޅުވީ މިފަހަރުގެ މުބާރާތަކީ އެމެރިކާގެ ތާރީހްގައި މިހާތަނަށް ބޭއްވިގެންދިޔަ އެންމެ ކާމިޔާބު، އެންމެ ގިނަ މީހުން ބެލި އަދި އެންމެ ރައްކާތެރި ކުޅިވަރު މުބާރާތް ކަމަށެވެ. އަދި މިއާއެކު ދުނިޔޭގެ އެންމެ މަޤްބޫލް ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ވަރަށް ކާމިޔާބު ކަމާއި އެހާމެ ފުރިހަމައަށް އެމެރިކާގައި ބޭއްވިދާނެކަން އެޤައުމުން ސާބިތުކޮށްދީފިކަމަށެވެ. އަދި ރައީސް ޓްރަމްޕް ފައިނަލް މެޗަށް ވަރަށް ބޮޑަށް އިންތިޒާރު ކުރައްވަމުން ގެންދަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ މިފަހަރުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އާއި ދެކުނު އެމެރިކާގެ ޗެމްޕިއަން އަދި ވޯލްޑް ކަޕްގެ ތަށި ދިފާއު ކުރުމަށް ނިކުންނަ އާޖެންޓީނާއެވެ. ނަމަވެސް 1962 ވަނަ އަހަރަށްފަހު މިހާތަނަށް ތަށި ދިފާއު ކުރުމަށް ނިކުން އެއްވެސް ޓީމަކަށް އެކަން ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި އުތުރާއި މެދުތެރޭ އެމެރިކާގައި މިހާތަނަށް ވޯލްޑް ކަޕްގެ ދެ މުބާރާތް ބޭއްވާފައިވާއިރު ޔޫރަޕްގެ ޓީމަކަށް މިއިން އެއްވެސް ފަހަރަކު ތަށި އުފުލާލެވިފައެއްވެސް ނުވެފައެވެ.