ށ. ފުނަދޫގެ ދައްފަޅުގައި ތަރައްޤީކުރަނީ 50 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ށ. ފުނަދޫ ދައްފަޅަކީ ގުދުރަތީ ގޮތުން ވަރަށް ޚާއްޞަ މުއްސަނދިކަމެއް ލިބިފައިވާ ފަޅެކެވެ. މި ފަޅަށް ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް އާދެއެވެ. މިފަޅުތެރޭގައި ބޮޑެތި ކަކުނި ނުވަތަ މަޑް ކްރޭބް އާލާވެއެވެ. މި ފަޅުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިސްކަންދީގެން މި ފަޅު ހިމެނޭ ސަރަޙައްދަކީ އީކޯ ޓޫރިޒަމް ތަރައްޤީ ކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުޞަތެއްގެ ގޮތުގައި ކައުންސިލުން ދެކެއެވެ.
ފުނަދޫ ދައްފަޅުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރުމަށް ޝައުގުވެރި ފަރާއްތަކުން ބިޑް ހުށައެޅުމަށް މިހާރު ވަނީ ހުޅުވާލާފައިއެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ބިޑް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފާއެވެ. ޓޫރިސްޓު ހޮޓަލުގައި 50 ކޮޓަރި ތަރައްޤީކުރާއިރު ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ހޮޓަލަކީ މަދުވެގެން 100 އެެނދުގެ ހޮޓަލެއްކަމަށެވެ.
ފުނަދޫ ކައުންސިލުން ދަނީ އެރަށުން ލޯކަލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރައްޤީކުރާނެ ގޮތުގެ މާގު ޗާޓު އެކުލާވާލުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުގައި ހިމެނޭ އީކޯ ޕާކުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރާއިރު، ތަފާތު މޫދު ކުޅިވަރުތައް ކުޅުމާއި، އަދި މި ތަނަށް އަންނަ ފްލެމިންގޯ ފަދަ ދޫނިތައް ބަލާނެ ޕްލެޓްފޯމަކާއި ބޮޑެތި ކަކުނިތައް (މަޑް ކްރޭބް) އާލާ ކުރާނެ މަރުކަޒުތަކާއި ފްލޯޓިން ރެސްޓޯރެންޓެއްވެސް ހިމެނޭކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެ.
ށ. ފުނަދޫ ދައްފަޅުގައި އިކޯ ޓުއަރިޒަމް ތަރައްޤީވެގެންދާއިރު މި ސަރަހައްދާއި މި އަތޮޅަށް ޒިޔާރަތްކުރާ ފަރާއްތަކާއި ފަތުރުވެރިންނަށް ޤުދުރަތީ މާހައުލުތައް ބަލާލުމާއި ހިންހަމަޖެހުން ހޯދުމަށް މަގުފަހިވެގެންދާނެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ފަރުކޮޅު ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރުމަށް މަގުފަހިކޮށް މި ސަރަހައްދުގެ ގުތުރަތީ ގޮތުން ހާއްސަ ސިފަތައް ހިމާޔަތްކުރުމަށް އިޖްތިމާއި އަދި މާލީ މަންފާ ލިބޭގޮތައް މި ރަން ޑިޒައިން ކުރެވިގެންދާނެކަމަށެވެ. އެގޮތުން މި ރަށުގެ ޑީޓެއިލް ޑިޒައިނަށް ދިޔުމުގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރާނެކަމަށެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ކޮންސެޕްޓް ހިމެނޭގޮތަށް ހިމާޔަތްކޮށްފައިވާ ށ. ފަރުކޮޅު ދެމެހެއްޓެނިވި ގޮތުގައި މެނޭޖްކޮށް ރައްޔިތުންނަށް ފައިދާވާގޮތައް ބެލެހެއްޓުމަށްޓަކައި ދިވެހި ސަރުކާރުން މިހާރުވަނީ މިރަށައް އަމާޒުކޮށް ހާއްސަ މަޝްރޫއެއް ފަށާފައިކަމަށެވެ. މިގޮތުން ކޮންޒަވޭޝަން އޮފް އެޓޯލް އިކޯ ސިސްޓަމް ތުރޫ އެންޑް އެފެކްޓެވްލީ މެނޭޖްޑް ނެޝަނަލް ޕްރޮޓެކްޓެޑް އޭރިޔާ އިސްޓޭޓް ނުވަތަ ކެޓެނޭޓް ޕްރޮޖެކްޓަކީ ގްލޯބަލް އެންވާރްމަންޓް ފެސިލިޓީ ޖެފްގެ ހިލޭ އެހީދަށުން އިންޓަރނޭޝަން ޔޫނިއަން ފޯ ކޮންޒަރވޭޝަން އޮފް ނޭޗަރ އައިޔޫސީއެން އެހީގެ ދަށުން ހިނގަމުދާ މަޝްރޫއެއްއެވެ.
މިމަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ ފަރުތަކާއި އަދި އެހެނިހެން މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމައްޓަކައި އެންމެ އެކަށީގެންވާ އަދި ހަމަހަމަ އުސޫލުން ބަލަހައްޓައި މެނޭޖްކުރެވޭ ފަދަ ސަރަހައްދުތަކުގެ ވިލުންވެރި ނެޓްވޯކެއް ޤާއިމްކުރުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ސަރުކާރުން ހިނގާ މި މަޝްރޫއުގެ ދަށުން ފަރުކޮޅުު ވެގެންދާނީ ނޭޗަރ ޕާކު ތަރައްޤީކޮށް އޭގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާ ފުރިހަމަ މިސާލަކަށްކަމުގައެވެ. އަދި މިރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ރީތި މާހައުލު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ ފުނަދޫގެ ތަރައްޤީއަށްވެސް އެހީތެރިވެދޭނެ މަޝްރޫއެއްކަން އެ ވުޒާރައިން ފާހަގަކުރައްވައެވެ.
ކެޓެނޭޓް ޕްރްޖެކްޓުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭސް މެކޭނިޒަމްއެއް މި ސަރަހައްދަށް ފަރުމާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ ފައިދާ ލިބޭނެގޮތަށް ތަރައްޤީކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ ތެރޭގައި ސްޓާރޓަޕް ގްރާންޓް ދިނުން ފަދަ ކަންކަން ހިމެނޭކަމަށް ވިދާޅުވިއެވެ.
ފަރުކޮޅުގެ ނޭޗަރ ޕާކު މޮޑެލްއަކީ ދެމެހެއްޓެނިވި ގޮތުގައި ނޭޗަރ ބޭސްޑު ޓުއަރިޒަމް ތައާރަފްކޮށް އޭގެ ދަށުގެ ރަށުގެ ރައްޔިތުން ކުރިއަރާދާނެ ގޮތައް ޕްލޭންކޮށްފައިވާ މަސައްކަތެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.