ކުރިއަށްއޮތް ދެ ދުވަހުވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުންގޯސްވެ، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ، ހެނދުނު 10:15 އިން 15:00އާ ހަމައަށެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/DcGCshCeoD
— Maldives Meteorology (@MetMaldives) December 12, 2025
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށެވެ. އަދި ދެކުނުގެ ބައެއްރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރުފޯރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށިގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މުޅި ރާއްޖެއަށް މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ، އަންނަ ހޯމައިން ފެށިގެންކަމަށެވެ. ނަމަވެސ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހޮނިހިރުން ފެށިގެން މޫސުން އަލިވާން ފަށާނެކަަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ކުރިއަށްއޮތް 2 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.