2025ވަނަ އަހަރުގެ ނޮބެލް އިނާމުތަައް ލިބިވަޑައިގެންނެވި ބޭފުޅުން ހާމަކޮށް، އެ ބޭފުޅުންނަށް އިނާމު ދެއްވައިފިއެވެ. ނޮބެލް އިނާމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، ނޮބެލް ސުލްޙައިގެ އިނާމު މި އަހަރު ދެއްވާފައި ވަނީ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރީނާ ކޮރީނާ މަޗާދޯއަށެވެ. ނޮބެލް އިނާމުގެ ފަނޑިޔާރުންގެ ކޮމިޓީން ސިފަކޮށްފައިވާ ގޮތުގައި މަޗާދޯއަކީ ޑިމޮކުރަސީގެ ހުޅުކޮޅު ފަނޑުވިޔަ ނުދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ، ފަހުގެ ތާރީޚެއްގައި ލެޓިން އެމެރިކާގެ ޤައުމެއްގައި ޢާންމު ރައްޔިތުންގެ ބާރުވެރިކަމާއި ހިތްވަރު ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެ ފާހަގަކޮށްލެވޭ ބޭފުޅާއެވެ.
ފިޒިކްސްގެ ދާއިރާއިން ނޮބެލް އިނާމު ލިބިވަޑައިގަތީ ޖޯން ކްލާކް، މިޝެލް އެޗް ދެވޮރޭ އަދި ޖޯން އެމް މާޓިނީސްއަށެވެ. އެ ބޭފުޅުންނަށް އިނާމު ލިބިވަޑައިގެންނެވީ، ކުއަންޓަމް ފިޒިކްސްގެ ދާއިރާއިން އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ދިރާސާތަކުން ލިބިފައިވާ ކުރިއެރުންތައް ފާހަގަ ކުރުމުގެ ގޮތުންނެވެ.
ކެމިސްޓްރީގެ ދާއިރާއިން ނޮބެލް އިނާމު ހާސިލު ކުރައްވާފައި ވަނީ ސުސުމޫ ކިތަގަވާ، ރިޗަރޑް ރޮބްސަން އަދި ޢުމަރު އެމް ޔާޣީއަށެވެ. އެ ތިން ބޭފުޅުންނަށް ނޮބެލް އިނާމު އަރުވާފައި ވަނީ މޮލެކިޔުލަރ އާކިޓެކްޗަރގެ ދާއިރާއިން ކުރައްވަމުން ގެންދަވާ ދިރާސާގެ އަލީގައި ހޯއްދަވަމުން ގެންދަވާ ކުރިއެރުންތަކަށެވެ.
ބޭސްވެރިކަމުގެ ދާއިރާއިން ނޮބެލް އިނާމު ހާސިލު ކުރައްވާފައިވާ ތިން ބޭފުޅުންނަކީ މޭރީ އީ ބްރޮންކޯ، ފްރެޑް ރާމްސްޑެލް އަދި ޝިމޯން ސަކަގުޗީއެވެ. އެ ބޭފުޅުންނަށް ނޮބެލް އިނާމު އަރުވަން ނިންމާފައި ވަނީ، އިންސާނުންގެ ހަށިގަނޑުގެ ބަލިތަކުން ދިފާޢުވުމުގެ ނިޒާމާ ގުޅޭ ގޮތުން ހައްދަވަމުން ގެންދަވާ ދިރާސާތަކުން ހޯއްދަވާފައިވާ ކާމިޔާބީތައް ފާހަގަ ކުރުމުގެ ގޮތުންނެވެ.
އަދަބިއްޔާގެ ދާއިރާއިން ނޮބެލް އިނާމު އަރުވާފައި ވަނީ ލާސްލޯ ކްރަސްނަހޮރްކޮއިއަށެވެ. އެއީ، ފަންނިއްޔާތުގެ ބާރުވެރިކަން ބަޔާން ކޮށްދެއްވުމަށް އޭނާ ކުރައްވާފައިވާ މަސައްކަތްތަކަށެވެ. މީގެ އިތުުރުން، ނޮބެލް އިނާމު ރަމްޒުވާ އަލްފްރެޑް ނޮބެލްގެ ހަނދާނުގައި އަރުވާ އިޤުތިޞާދީ ސައިންސްގެ ދާއިރާގެ ސްވަރިއެސް ރިކްސްބާންކް އިނާމު އަރުވާފައިވާ ތިން ބޭފުޅުންނަކީ ޖޮއެލް މޮކަރ، ފިލީޕް އަގިޔޮން އަދި ޕީޓަރ ހަވުއިޓަށެވެ. އެއީ، ދުނިޔެއިން ފަގީރުކަން ނައްތައިލެވޭނެ ގޮތްތައް ހޯއްދެވުމަށް އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ދިރާސާތައް ފާހަގަ ކުރުމުގެ ގޮތުންނެވެ.