ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނިކަމެތީންނާއި ފަގީރުންނަށް ފޯރުކޮށްދެމުން ދިޔަ އެހީގެ ބޮޑު އިންސައްތައެއް އެމެރިކާއިން ކަނޑައިލުމާ ގުޅިގެން އެތަކެއް ހާސް ކުޑަކުދިންނެއް ހައިހޫނުގައި ޖެހެމުންދާ ކަން އެހީދޭ ޖަމުޢިއްޔާތަކުން ހާމަކޮށްފިއެވެ. ބޭރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ އިދާރާ، ޔޫއޭސް އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް އުވައިލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައި ވަނީ ޖުލައި 1ވަނަ ދުވަހުއެވެ.
ޔޫއެސްއޭއައިޑީ އުވައިލުމުގެ އިތުރުން ބައިނަލްއަޤްވާމީ އެހީދޭ ޖަމުޢިއްޔާތަކާއި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކަށް ޚަރަދު ކުރުން ވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ މަދުކޮށްފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުންނާއި އެހީދޭ ޖަމުޢިއްޔާތަކުން ބުނީ، ޓްރަމްޕްގެ ނިންމެވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ނިކަމެތީންގެ ތެރެއިން އެތަކެއް ހާސް ބަޔަކު ހައިހޫނުގައި ޖެހެމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ކު
ޑަކުދިންނެވެ.
އދގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފު)ން ބުނީ، މި ވަގުތު ހައިހޫނުގައި ޖެހިފައިވާ ކުޑަކުދިން އެންމެ ގިނަ ޤައުމުތަކުގެ ތެރޭގައި ކެންޔާ ހިމެނޭ ކަމުގައެވެ. މީގެ އިތުރުން، ކޮންގޯއާއި ނައިޖީރިޔާ އަދި ސޮމާލިޔާއާއި ސޫދާނުގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހައިހޫނުގައި ޖެހިފައި އެބަތިއްބެވެ. އަދި، އޭގެ ތެރޭގައި ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންގެ ޞިއްޙީ ހާލަތު ކުރިމަތިވެފައިވާ ކުދިން ގިނައެވެ.
އެހީދޭ ޖަމުޢިއްޔާތައް ކަމުގައިވާ މަރސީ ކޯ އަދި އެކްޝަން އަގެއިންސްޓް ހަންގަރއިން ބުނީ، މެލްނިއުޓްރިޝަންގެ ހާލަތު ކުރިމަތިވެ، މަދު ނަމަވެސް އަދަދެއްގެ ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާ ކަމުގައެވެ. އެ ކުދިން މަރުވީ، ކޮންގޯއާއި ނައިޖީރިޔާއަށް އެމެރިކާއިން ފޯރުކޮށްދެމުން ދިޔަ އެހީ ކަނޑައިލި ފަހުންނެވެ. ނަމަވެސް، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، އެމެރިކާއިން ދެމުން ދިޔަ އެހީތައް ކަނޑައިލުމާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމުގައެވެ.
ކެންޔާގައި އެކަނި ވެސް ހައިހޫނުގައި ޖެހިފައި ތިބި މީހުންގެ އަދަދު 179,000ށް އަރާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރިއެވެ. އޭގެ ތެރޭގައި، މެލްނިއުޓްރިޝަންގެ ހާލަތު ތަހައްމަލު ކުރަމުންދާ އުމުރުން ފަސް އަހަރުން ދަށުގެ 87,200ށްހާ ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރެއިން 17,000ށްހާ ކުދިންގެ ހާލަތު ގޯހެވެ. 2024ވަނަ އަހަރު އެމެރިކާއިން ނިކަމެތީންނަށް އެހީވުމަށް 991 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރިއެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ޓްރަމްޕްގެ ސަރުކާރުން އެހީގެ ގޮތުގައި ދޫކޮށްފައި ވަނީ އެންމެ 263 މިލިޔަން ޑޮލަރެވެ.