ޚަބަރު

ބްރައިޓަން މެޗުގެ ސްކޮޑުގައި ސަލާހު ހިމަނައިފި


ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު އާއި ކޯޗު އާނޭ ސްލޮޓް އާއި ދެމެދު ޖެހުނު މައްސަލަތައް ހައްލު ކުރުމަށް ވާހަކަ ދެއްކުމަށްފަހު ލީގުގައި މިއަދު ބްރައިޓަން އާއި ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ސަލާ ހިމަނައިފި އެވެ.

އުމުރުން 33 އަހަރުގެ މިސްރަށް އުފަން ސަލާހު އާއި ކޯޗު ސްލޮޓް އާއި ދެމެދު މައްސަލަ ޖެހުނީ މިދިޔަ ހަފްތާގައި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު ސަލާހު ނޫސްވެރިންނަށް ދިން އިންޓަވިއު އާއި ގުޅިގެންނެވެ.

ލީޑްސް މެޗުގެ އިތުރުން ލިވަޕޫލް އޭގެ ކުރިން ކުޅުނު ދެ މެޗުގައިވެސް ސަލާހު އަށް ކުޅުމުގެ ފުރުސަތު ދީފައިނުވާއިރު އޭނާ ހުރި ބެންޗުގަ އެވެ.

އެކަމާއި ހިތްހަމަނުޖެހިގެން ސަލާހު ދިން އިންޓަވިއުގައި ބުނެފައިވަނީ މީގެ ކުރިން ކޯޗު ސްލޮޓް އާއިއެކު ރަގަޅު ގުޅުމެއް އޮތް ނަމަވެސް މިހާރު އެފަދަ ގުޅުމެއް ނެތް ކަމަށެވެ.

"ކޮންމެވެސް ބަޔަކު އެބަ ބޭނުންވާ މިހާރު އަހަރެން މި ކްލަބުގައި ނުހުރެ ދާން. އަދި އަހަރެންނަށް އިހުސާސް ކުރެވޭ ގޮތުގައި މި ކްލަބުން ވަނީ އަހަރެން ބަސް ދަށަށް އެއްލާލާފައި." ސަލާހު ބުންޏެވެ.

ސަލާހު އާއި ސްލޮޓް އާއި ދެމެދު އޮތް ގުޅުން ގޯސްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އެކަމަށް އަމާޒުވުމާއިއެކު ސްލޮޓް ވަނީ މިދިޔަ ހުކުރު ދުވަހު ސަލާހު އާއި ވަކިން ބައްދަލުކޮށް ވާހަކަ ދައްކާފަ އެވެ.

ބްރައިޓަން އާއި ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްލޮޓް ބުނެފައިވަނީ ސަލާހު އެ ކްލަބު ދޫކޮށްދާން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި މިލާން އާއި ދެކޮޅަށް ކުޅުނު މެޗަށް ދިޔަ ލިވަޕޫލް ޓީމުން ސަލާހު އަށް ފުރުސަތު ދީފައިނުވަނީ ކްލަބުން އެގޮތަށް ނިންމާފައިވާތީ ކަމަށެވެ.

"ކްލަބުގެ ވެރިން އޮތީ ޓީމަށް އަރާނެ ކުޅުންތެރިންނާއި ސްކޮޑުގައި ހިމެނޭނެ ކުޅުންތެރިން ނެގުމުގެ ބާރު އަހަރެންނަށް ދީފައި." ސްލޮޓް ބުންޏެވެ.

ނިމިގެންދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް އިން ކާމިޔާބުކުރިއިރު ސަލާހު ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި އަންނަ ހޯމަ ދުވަހު އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ މިސްރުގެ ޓީމަށް ކުޅުމަށް ސަލާހު ގައުމީ ޓީމާއި ގުޅޭނެ އެވެ.