ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ރ. ދުވާފަރުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ދުވާފަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، ވަޒީރުންނާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ ހޫނު މަރުޙާބާއެއް ދަންނަވާފައެވެ. ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށްޓަކާ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ޖަމާވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ މި ދަތުރުފުޅަކީ ޤައުމީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫއުތަކެއްގެ ފެށުން ފާހަގަކުރުމާއި ނިމުން ފާހަގަކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އަހަރު ޤައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ރ. ދުވާފަރުގައިއެވެ. ޤައުމީ ފެންވަރެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރު މިފާހަގަކުރަނީ 45 ވަނަ މަސްވެރިންގެ ދުވަހެވެ.
މި ދުވަސް ފާހަގަކުރަނީ މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މި ސިނާޢަތުގައި ހަރަކާތްވެރިވާ މަސްވެރިންނަށް ހިތްވަރު ދިނުމަށެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މިރޭ ދުވާފަރުގައި އޮންނާނެއެވެ.