ޚަބަރު

ތައިލޭންޑުގައި އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް، ސަމާލުވޭ!


  • މިބްރޭންޑުތަކުގެ ބޭސްތަކަކީ ރާއްޖެއަށް ބޭސް ގެންނަ އެއްވެސް އުސޫލަކުން އެތެރެކުރާ ބްރޭންޑްތަކެއް ނޫން

  • ތައިލެންޑަށް ބޭސްފަރުވާއަށް ދާފަރާތްތަކުން މިކަމަށް ސަމާލުވާންޖެހޭ

ތައިލޭންޑުން އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރިކަން ފާހަގަ ކުރެވިގެން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، ތައިލެންޑުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީއިން ކުރި ތަހުލީލުތަކުން 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ހުރިކަމަށް ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކްއިން އެމްއެފްޑީއޭއަށް އަންގާފައިވާކަމަށެވެ. އެގޮތުން ޑައިބެޓިކް މީހުން ބޭނުންކުރާ ބޭހެއްކަމުގައިވާ މެޓްފޯމިން ހައިޑްރޯކްލޮރައިޑް 750 މގ އާއި ރެނިޓިޑން 150 މގ އާއި ވިޓަމިން އޭ – ރެޓިނޯލް 60މގ ގެ ބޭހުގެ ބެޗުތަކުގައި މިމައްސަލަ ޖެހިފައިވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

މި ބޭސްތަކުގައި މައްސަލަ ދިމާވެފައިވާ ބްރޭންޑްތަކުގެ ބޭސްތައް ރާއްޖެއަށް ބޭސް އިމްޕޯޓްކުރުމުގެ އެއްވެސް އުސޫލެއްގެ ދަށުން އެތެރެކޮށްފައިނުވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އެހެންނަމަވެސް ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސްއުޅޭ ޤައުމަކަށްވުމުން ތައިލެންޑުން ބޭސް ގަތުމުގައި މިކަމަށް ސަމާލުވުމަށް އެއޮތޯރިޓީން އިލްތިމާސްކުރައްވައެވެ.