ޚަބަރު

އެންމެ ބޮޑު އިންސާނީ ކާރިޘާއެއް ކުރިމަތިވެފައިވާ ޤައުމަކަށް މިފަހަރުވެސް ސޫދާން


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން، އިންސާނީ ކާރިޘާތައް އެންމެ ގޯސް ޙާލަތެއްގައި ކުރިމަތިވެފައިވާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި މިފަހަރު ވެސް ސޫދާން ހިމެނިއްޖެއެވެ.

ބައިނަލްއަޤުވާމީ އެހީދޭ ޖަމްޢިއްޔާ، އިންޓަރނޭޝަނަލް ރެސްކިޔު ކޮމިޓީ (އައިއާރުސީ) ޢާންމުކުރި ލިސްޓުގައި ޖުމްލަ 20 ޤައުމެއް ހިމެނޭއިރު، އެ ލިސްޓުގެ އެންމެ ކުރީގައި އޮތް ސޫދާންގެ އަހުލީހަނގުރާމައިގެ ސަބަބުން އެތައް ހާސް މީހުން ވަނީ މަރުވެ، އާބާދީގެ ބޮޑުބައެއްގެ ގެދޮރު ގެއްލިފައެވެ.

މިއީ، އައިއާރުސީގެ މި ލިސްޓުގެ އެއްވަނައިގައި ސޫދާން ހިމެނުނު ވިދިވިދިގެން ތިން ވަނަ އަހަރު ކަމަށްވާއިރު، މިކަމުން ދައްކުވައިދެނީ، ސޫދާންގެ ރައްޔިތުންގެ ނިކަމެތި ޙާލަތުން އަރައިގަތުމަށް ދުނިޔެއިން އެހީތެރިކަން ފޯރުކޮށްދެވިފައިނުވާ މިންވަރު ކަމަށް، އެ ޖަމްޢިއްޔާގެ ސީއީއޯ ޑޭވިޑް މިލިބޭންޑް ވިދާޅުވިއެވެ.

ސޫދާންގައި އަހުލީހަނގުރާމަ ފެށިގެން ދިޔައީ، 2023ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15ވަނަ ދުވަހު އާރްއެސްއެފްގެ ފައުޖުން ވެރިރަށް ޚަރްޠޫމަށް އަރައި، އެ ރަށުގެ މުހިންމު ސަރަޙައްދުތަކަށް އަތްގަދަ ކުރުމާ އެކުގައެވެ. މި ހަނގުރާމައާ ގުޅިގެން އެތަކެއް ހާސް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އަދި މި ހަނގުރާމައިގެ ތެރެއިން ގެދޮރު ގެއްލިފައިވާ މީހުންގެ ޢަދަދު 12 މިލިއަނަށް ވުރެ އިތުރުވެފައިވާކަމަށް ބައިނަލްއަޤުވާމީ އިދާރާތަކުން ބުނެފައިވެއެވެ.