ޚަބަރު

ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި


  • މިއީ 3 ދުވަހުގެ ދަތުރުފުޅެއް

  • ނައިބު ރައީސާއި މަޖިލީހުގެ ރައީސާ ބައްދަލުކުރައްވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދައުވަތަކަށް ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފިއެވެ.

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރްދާރް އަޔާޒް ޞާދިޤަށް ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މިއީ އެމަނިކުފާނުގެ ދަޢުވަތަކަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޕާކިސްތާނުގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މޯލްޑިވްސް-ޕާކިސްތާން ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕާ ބައްދަލުކުރައްވާނެއެވެ. އަދި ދާރުލްއާސާރާއި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ވަނީ ޕާކިސްތާނަށް ޒިޔާރަތް ކުރައްވާފައެެވެ. އެގޮތުން، ޕާކިސްތާނުގައި ކުރިއަށްދިޔަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ ރައީސް ވަނީ ތަޤުރީރުކުރައްވާފައެވެ.