ޚަބަރު

އަހުލު ޕްރޮގްރާމްގެ ސަބަބުން ސިއްޙީ ޚިދުމަތުގެ ދުވެލި ހަލުވިވާނެ


އާސަންދަ އޮފީހުން ހިންގާ އަހުލު ޕްރޮގްރާމްގެ ސަބަބުން ސިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ގިނަ މައްސަލަތައް ހައްލުވެ، ޚިދުމަތުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށް މި ޕްރޮގްރާމްގައި ބައިވެރިވި ހޮސްޕިޓަލްތަކުން ވިދާޅުވެއްޖެއެވެ.

އަހުލު ޕްރޮގްރާމްގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ނިމިފައިވާއިރު މި ޕްރޮގްރާމަކީ ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ކަމަށް އާސަންދަ އޮފީހުން ބުނެއެވެ.

ޞިއްޙީ ޚިދުމަތްދޭ ތަންތަން، އާސަންދަ އޮފީހާއި އެންސްޕާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން އާސަންދަ އޮފީހުން ހިންގާ އަހުލު ޕްރޮގްރާމްގެ ފުރަތަމަ މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ ޞިއްޚީ ޚިދުމަތްދޭ ސަރުކާރުގެ ބޮޑެތި ހޮސްޕިޓަލްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި އަތޮޅުތަކުގައި ހުރި ރީޖިނަލް ހޮސްޕިޓަލްތައްވެސް ހިމެނެއެވެ. 

މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވި ހޮސްޕިޓަލްތަކުގެ ބޭފުޅުން ވިދާޅުވީ، އާސަންދައާއި އެންސްޕާގެ މަސައްކަތްތަކުގެ ތެރެއިން ކުރިން އެނގިވަޑައިގެންފައި ނެތް ވަރަށް ގިނަ މަޢުލޫމާތު ލިބިވަޑައިގެންފި ކަމަށެވެ. ޚިދުމަތް ދެއްވުމުގައި މިކަމުގެ ސަބަބަން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އެފަރާތްތަކުން ވިދާޅުވިއެވެ. އަދި އާސަންދައިގެ ތެރެއިން ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދެވޭގޮތާއި އާސަންދައާއި ހުސްނުވާ އާސަންދައާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ދެއްވުމުގައި ފަސޭހަވެގެންދާނެކަން ބައިވެރިން ފާހަގަކުރެއްވިއެވެ. މީގެއިތުރަށް ރައްޔިތުންގެ ފަރާތުން އާސަންދައާ ބެހޭގޮތުން ހޮސްޕިޓަލްތަކަށް އަންނަ މައިގަނޑު ޝަކުވާތަކާމެދު މަޝަވްރާކުރުމުގެ ފުރުޞަތު މިބައްދަލުވުމުން ލިބިވަޑައިގެންނެވިކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. 

ހޮސްޕިޓަލްތަކުން ލިބުނު ޚިޔާލުތަކަކީ އާސަންދައިގެ ޚިދުމަތް ކުރިއެރުވުމަށް ލިބުނު ވަރަށް ރަނގަޅު ޚިޔާލުތަކެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ޤަވާޢިދުތަކުގެ ތެރޭގައި އެ ޚިޔާލްތައް ހިމަނުއްވާނެ ކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އާމިނިތު ޒީނިޔާ ވިދާޅުވިއެވެ.

"މި މަސައްކަތުގެ ބައްދަލުވުމުގެ ތެރެއިން އަޅުގަނޑުމެން މިހާރު އެކުލަވާލާފައިވާމެޑިކަލް ޗެކަޕްގެ ކަންތަކަށް ލިބުނު ޚިޔާލްތަކާއި މިހާރުގެ ހާލަތައް ބަލާފަގެންނަން ފެންނަ ބަދަލުތަކަކީވެސް ވަރަށްވެސް ރަނގަޅު ބަދަލުތަކެއް. އަދި ޚިދުމަތްކާމިޔާބު ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަރަށް ބޭނުންތެރި ޚިޔާލުތަކެއް" އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ އެސިސްޓެންޓް ޖެނެނަލް މެނޭޖަރ އާމިނިތު ޒީނިޔާ ވިދާޅުވިއެވެ.

އަހުލު ޕްރޮގްރާމްގެ ދަށުން ހޭލުންތެރިކުރުމުގެ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތާނގައި ޞިއްޙީ ޚިދުމަތްދޭ އިތުރު ފަރާތްތަކަށް އަމާޒުކުރައްވައިގެން ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށް އާސަންދަ އޮފީހުން ހާމަކުރެއެވެ.