އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އަލީބާބާ ވެބްސައިޓް މެދުވެރިކޮށް މުދާ ވިއްކޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާ އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އައްޑޫއެއްސެވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވިޔަފާރިވެރިންގެ ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ވަނީ ރާއްޖެއަށް ބޭރުފައިސާ ގެނައުމުގައި އަދި ފޮނުވުމުގައި ހުރި ދަތިތައް ހިއްސާކޮށްފައެވެ. މި ކަންކަމަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކްރީއޭޓިވް އިންޑަސްޓްރީ ތެރޭގައި އެކި ބާވަތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތައް އެ ސިނާޢަތް ފުޅާކުރުމާއި ގުޅިފައިވާ ކަމަށް އެމަނިކުފާނު ވިދަޅުވިއެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގުފަހިކުރުމަށް އޮންތެޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަލީބާބާ މެދުވެރިކޮށް މުދާ ވިއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މިހާރު އަލީބާބާ ޑޯޓްކޮމްގައި އުފެއްދުންތައް ވިއްކޭނެގޮތް މިއަދު މިހަމަޖެހިގެން ދިޔައީ. އެއީ އަލީބާބާގައި ރެޖިސްޓްރީ ކުރެވިފައިވާ 400 ވެންޑަރުންނަށް މިހާރު އެކްސެސް ލިބިފައިވަނީ. އެހެންވީމަ އޭގަ އެބޭފުޅުންގެ އުފެއްދުންތައް ވިއްކޭނެ. އޮތެންޓިކް މޯލްޑިވްސްގައި ބައިވެރިވާން ޖެހޭނެ. ބައިވެރިވީމަ އެކްސެސް ލިބިގެން އެދިޔައީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ބޭރުން ފައިސާ ގެނައުމުގައި ހުރި ދަތިތައްވެސް ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެ ވިޔަފާރިތަކާއި ގުޅުންހުރި ފަރާތްތަކާއި ގާތުން މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މިހާރު ޕޭޕަލްއާއެކު ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ވިދާޅުވިއެވެ. އުއްމީދަކީ ޖެނުއަރީ މަހު އެކަމުގެ މަސައްކަތް ނިމި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވިގެންދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ސްވައިޕްގެ ޚިދުމަތް އަންނަ އަހަރުގެ ފުރަތަމަ ކުރާޓަރުގެތެރޭގައި ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓަކަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރައްވައެވެ.