ސްކޫލް ބަންދާއި އައު އަހަރާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ "ސްކޫލް ހޮލިޑޭ ސޭފްޓީ އެންޑް ސެކިއުރިޓީ 2025" އަދި "ކޮމިއުނިޓީ ސޭފްޓީ ޕަލްސް ޗެކް"ގެ ނަމުގައިއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން މާލެ ފޮރޮންޓު ލައިން ޕޮލިސިން ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ހަރަކާތަކީ ޗުއްޓީ ދުވަސްވަރު ހިިނގާ އެކި ބާވަތުގެ ކުށްތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދެވުނު ހަރަކާތެއްކަމަށެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ ސުކޫލް ބަންދާއި ގުޅިގެން މާލެއިންވެސް އަތޮޅުތަކުގެ އެކި ރަށްރަށަށް ގިނަ ބަޔަކު ދަތުރުކުރާކަމަށާއި، މިގޮތަށްދާއިރު ވަކި ކުށްތަކެއް އިތުރުވަމުންދާކަމަށެވެ. އެހެންކަމުން އެކަމަށް ދުރާލާ ވީހާވެސް ގިނަ ބަޔަކަށް ސަމާލުކަން ދޭންވީ ކަންކަން މި ޕްރޮގްރާމުގެ މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވިގެންދިޔަކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުތަކުގައި ފުލުހުންގެ އެކި ޓީމުތައް ހަރަކާތްތެރިވިއިރު އެޓީމުތަކުން ރައްޔިތުންނާއި ބައްދަލުކޮށް ސަމާލުކަން ދޭން ޖެހޭ ކަންކަމާގުޅޭގޮތުން މައުލޫމާތު ހިމެނޭ ލީފްލެޓްތައް ބަހާފައިވާކަމަށެވެ.
މީގެ އިތުރުން މާލޭގެ 3 ޕޮލިސް ސްޓޭޝަންގެ ހެޑުން މާލޭގެ 3 ސަރަހައްދެއްގައި ސްޓޭޝަންވެގެން ތިބެ ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ގާތުން މައުލޫމާތު ފޯރުކޮށްދީފައިވާކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
"ވައްކަމާއި ސްކޭމްތަކަށް ރައްކާތެރިވުމާއި މަގުމަތީގެ ސަލާމަތީ ކަންކަން ހިއްސާކުރެވުނު. އައު އަހަރު ފެށޭ ރެޔާއި އައު އަހަރުގެ ޗުއްޓީއާ ދިމާކޮށް އެއަންނަ ކަންކަމާއި ގުޅޭ ގޮތުން ޚާއްސަ އޮޕަރޭޝަނަށް ބޭނުންވާ މައުލޫމާތު ނުވަތަ ކަންބޮޑުވުންތައް ރައްޔިތުންނާއި ވާހަކަދައްކައިގެން ހޯދާނެ. އެއިގެން ލިބޭނެ ބަންދު ތެރޭގައި ފުލުހުންގެ ޕްރޮގްރާމްތައް ބައްޓަންކުރަންވި. އެ ދެ މަޤުޞަދުގައި ކުރާ ކަމެއް މިއީ." އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މި ހަރަކާތުގައި މާލެ ޕޮލިސް، ކްރައިމް ޕްރިވެންޝަން، ސްކޭމް ސެންޓަރ، ނެއިބަރ ހުޑް ޕޮލިސް، ޓްރެފިކް ޕޮލިސް ހިމެނޭހެން 400 ފުލުހުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް މާލޭގެ 48 ސަރަހައްދެއްގައި ވަނީ ކުރިއަށް ގެންގޮސްފައެެވެ.
ފަހަކަށް އައިސް ރާއްޖޭގައި ހިނގަމުންދާ އެކި މައްސަލަތަކާ ގުޅިގެން، އެކަންކަމަށް އާއްމުން ހޭލުންތެރިކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް އަންނަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ.