ޚަބަރު

އެހީދޭ ޖަމްޢިއްޔާތަަަކަށް ޔަހޫދީން ދަތިކުރާތީ އިންސާނީ މަސައްކަތް ހުއްޓުމާ ގާތަށް


ޣައްޒާގައި ޙަރަކާތްތެރިވާ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކާ ދެކޮޅަށް ޔަހޫދީން އަޅަމުންދާ ފިޔަވަޅުތައް އުވާނުލައިފި ނަމަ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އެއްކޮށް ހުއްޓުމަކަށް އައުމުގެ ނުރައްކާ އޮތް ކަަމަށް އދ ހިމެނޭ ގޮތަށް އިންސާނީ އެހީ ފޯރުކޮށްދޭ 200އަށްވުރެ ގިނަ ޖަމްޢިއްޔާއިން ބުނެފިއެވެ.

އެހީދޭ ޖަމްޢިއްޔާތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ އެހީދޭ ޖަމްޢިއްޔާތަކުގެ ރަޖިސްޓްރީ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހަށްފަހު ބާޠިލްވާނެ ކަމަށެވެ. އެ ގޮތަށް ކަން ހިނގައިފި ނަމަ 60 ދުވަހުގެ ތެރޭގައި އެ ޖަމްޢިއްޔާތަކުގެ މަސައްކަތް ހުއްޓައިލަން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެން ވެއްޖެ ނަމަ ޣައްޒާއަށް ކުރިމަތިވެފައިވާ ޙާލަތު އެތައް ގުނަޔަކަށް ގޯސްވެގެން ދާނެ ކަމަށާއި ކޮންމެހެން ބޭނުންވާ ސާމާނާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އައު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ޣައްޒާގައި ހިންގާ ގިނަ ވަގުތީ ހަސްފަތާލުތަކާއި އަސާސީ ފަރުވާދޭ ޞިއްޙީ މަރުކަޒުތަކާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި، ކާޑުބަލިޖެހިފައިވާ ކުޑަކުދިންނަށް ފަރުވާދިނުން ފަދަ މަސައްކަތްތަކުގައި އެންމެ ބޮޑަށް ޝާމިލް ވަނީ އެހީދޭ ޖަމްޢިއްޔާތައް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ މިދިޔަ މާރިޗު މަހުގެ ތެރޭގައި ޔަހޫދީން ތަޢާރަފް ކުރި ޖަމްޢިއްޔާތައް ދަފްތަރު ކުރުމުގެ ހަރުކަށި އަދި އުނދަގޫ ނިޒާމެއްގެ ދަށުން ބައެއް އެހީދޭ ޖަމްޢިއްޔާތައް ދަފްތަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޖަމްޢިއްޔާތައް އަލުން ދަފްތަރު ކުރަން ޖެހުމާއި މި ފަދަ ތަފާތު ސަބަބުތަކާ ހުރެ އެތައް މިލިޔަން ޑޮލަރުގެ ސާމާނު ޣައްޒާއަށް އެތެރެނުކުރެވި އެ ސަހަރުން ބޭރުގައި ތާށިވެފައި ހުރި ކަމަށެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހާއި ސާފުތާހިރުވުމަށް ބޭނުންކުރާ ސާމާނާއި ހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ ސާމާނު ހިމެނެއެވެ.

ދަފްތަރުން އުނި ކުރުމުގެ ސަބަބުން އެހީ ފޯރުކޮށްދޭ އެހެން ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފި ނަމަ އދއަށް އެ ޖާގަ ފޫ ނުބެއްދޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ކަނޑައެޅިފައިވާ އުސޫލުތަކުގެ ބޭރުން އެ މަސައްކަތް އިތުރު ބަޔަކަށް ނުކުރެވޭނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އިތުރު ލަސްކުރުމެއް ނެތި ވަގުތުން ވަގުތަށް ޣައްޒާގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ސާމާނު އެ ސަހަރަށް ވެއްދެން ޖެހޭ ކަމަށް ވެސް ޖަމްޢިއްޔާތަކުން ބުނެފައިވެއެވެ.