ޚަބަރު

ސޫރިޔާގެ ޢާންމުންނަށް ޙަމަލާ ދޭ ފަރާތްތަކާ ދެކޮޅަށް އިނގިރޭސިވިލާތުން ފިޔަވަޅު އަޅައިފި


ސޫރިޔާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާ ދެމުންދާ ފަރާތްތަކާއި ޖަމުޢިއްޔާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފިއެވެ. ލަންޑަނުގެ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ފަރާތްތަކުގެ ތެރޭގައި، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ދެމެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދީ، އެ ކަމަށް ޚަދަރު ކޮށްފައިވާ ފަރާތްތަކާއި ޖަމުޢިއްޔާތަށް ހިމެނެއެވެ.

ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހު އަސަދުގެ ވެރިކަން ވަނީ ނިމުމަކަށް ގެނެސްފައެވެ. އަސަދުގެ ސަރުކާރު ވައްޓައިލީ، ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ންނެވެ. ސަރުކާރު ވެއްޓުމާ އެކު، އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަނީ އެޗްޓީއެސުން އެކުލަވައިލާފައިވާ ވަގުތީ ސަރުކާރަކުންނެވެ. ވަގުތީ ރަައީސަކީ އެ ޖަމާޢަތުގެ ވެރިޔާ، އަޙްމަދު އަލް-ޝަރާޢެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އިނގިރޭސިވިލާތުން ކުރިން ވެސް އޮތީ އަސަދުގެ ސަރުކާރާ ދެކޮޅަށް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް، އަސަދުގެ ސަރުކާރު ވައްޓައިލި ފަހުން، ލަންޑަނުގެ ސަރުކާރުން ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައެވެ. މިހާރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ މެދުއިރުމަތި ސަރަޙައްދުގެ ސުލްޙައާއި ހަމަޖެހުން ނަގައިލަން މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ޖަމުޢިއްޔާތަކާ ދެކޮޅަށް ކަމުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ބުންޏެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި، ތުހުމަތު ކުރެވޭ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި، އިނގިރޭސިވިލާތަށް ދަތުރު ކުރުމަށް ހުރަސް އެޅުން ހިމެނެއެވެ.