ޚަބަރު

ފަހަތުން އަރައި ނިއު ބަލިކޮށް ވިކްޓްރީ އަށް މުހިންމު މޮޅެއް


ދިރާގު ދިވެހި ޕްރިމިއަރ ލީގު 26/2025 ގައި ފަހަތުން އަރައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް ވިކްޓްރީ ސްޕޯޓްސް ކުލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ. ވިކްޓްރީ މެޗު ކާމިޔާބު ކުރީ 3-1 ލަނޑުންނެވެ.

ނިއު އަތުން ހޯދި ތިން ޕޮއިންޓާ އެކު ވިކްޓްރީ ވަނީ ތާވަލުގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. ވިކްޓްރީ ވަނީ 11 މެޗުން 16 ޕޮއިންޓް ހޯދާފައެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ފަށައިގެން އުފެއްދި ފުރަތަމަ ހަމަލާގައި ނިއުއިން ވަނީ ލަނޑުޖަހާފައެވެ. އެއީ އަލީ ފާސީރު އޭރިއާ ތެރޭގައި ހުސްކޮށް އޮތް ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރ ގޯމޭސް ޑެ ސިލްވާރއަށް ޖައްސާލި ބޯޅަ ކޮންޓްރޯލް ކޮށްލާފައި ކީޕަރުގެ ބޯމަތިން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޑި ސިލްވަރ ކާމިޔާބުކޮއްދިނީ މެޗުގެ 4 ވަނަ މިނިޓުގައެވެ.

މި ލަނޑަށްފަހުން ވިކްޓްރީން ވަނީ ހަމަލާތައް އުފައްދަން މަސައްކަތް ކޮއްފައެވެ. މެޗުގެ 29 ވަނަ މިނިޓުގައި އީގަލްސް އިން ލޯނު އެއްބަސްވުމެއްގެ ދަށުން ވިކްޓްރީއާ ގުޅުނު އަހުމަދު ރިޒްވާން ދިން ބޯޅެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ސްލޮވާކިޔާގެ ފޯވާޑް މިލޯސް ލަޗްނީ ވަނީ ވިކްޓްރީ އަށް ނަތީޖާ ހަމަހަމަ ކޮއްދީފައެވެ.

މެޗުގެ 38 ވަނަ މިނުޓުގައި ޑެ ސިލްވާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ވިކްޓްރީގެ ކީޕަރު ނޭޕާލުގެ ގައުމީ ކީޕަރު ކިރަން ލަމްބޫ ވަނީ ދިފާއުކޮއްފައެވެ.

ވިކްޓްރީ ލީޑް ނެގީ މެޗުގެ 57 ވަނަ މިނިޓުގައި އަލީ ޝާމިސް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ލަޗްނީ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. މިއީ މިދިޔަ މެޗުގައި ޓީމާ ގުޅުނު ލަޗްނީ އެޓީމަށް ޖަހައިދިން 3 ވަނަ ލަނޑެވެ.

މެޗުގެ 72 ވަނަ މިނިޓުގައި މުހައްމަދު ފާސިރު އޭރިއާ ތެރެއަށް ވަދެ ހުރަސްކޮއްލި ބޯޅަ ކީޕަރުވަނީ ވެއްޓިގެންފަ ދިފާއުކޮއްފައެވެ. ވިކްޓްރީ ޖެހި ތިންވަނަ ލަނޑަކީ 87 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން ލަޗްނީ ބޮލުން ފޮނުވާލުމުން ކީޕަރު ދިފާއުކޮށް ފޮނުވާލި ބޯޅަ އޭރިއާ ތެރޭގައި ހުރެ ޖޯހިރް އަޒަމޯވް ގޯލުގެ ތެރެއަށް ވައްދާލި ބޯޅައެކެވެ.

މި ދެޓީމު ފުރަތަމަ ބުރުގަ ވާދަކުރި މެޗު ނިމުނީ 4-0 ނިއު މޮޅުވެގެންނެވެ. މިއީ މި ލީގުގައި ނިއު ބަލިވި ތިންވަނަ މެޗެވެ.