ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހު ފަށާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
"ހޯޕް އައިލެންޑް" ދ. ވާނީގައި ތަރައްޤީކުރުމަށް ކުރިން ނިންމާފައި އޮތްނަމަވެސް މިހާރު އެތަން ތަރައްޤީކުރުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ހޯޕް އައިލެންޑަށް އިންވެސްޓްކުރާނެ ބަޔަކު ހަމަޖެހިފައިވާކަމަށެވެ. އަދި އެ ފަރާތާއެކު ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބައްދަލުވުންތައް ކުރިއަށް ގެންދާކަމަށެވެ. ވަޒީރު ވިދާޅުވީ ހޯޕް އައިލެންޑް ތަރައްޤީކުރުމމުގެ ކޮންސްޓްރަކްޝަން މަސައްކަތް އަންނަ ޖެނަވަރީ މަހު ފަށާނެކަމަށެވެ.
"ހޯޕް އައިލެންޑް ވެގެންދާނީ ޤާނޫނުގައި ބުނާ ލޯންގް ޓާމް ކެއަރ ފެސިލިޓީއަށް. ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރޭގައި ޤާއިމްކުރަން ޖެހޭ އެންމެ ފަހު މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރަން ޖެހޭތަން ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދާނެ." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
މިހާރު ނިންމާފައިވާ ގޮތުންނަމަ އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްޤީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ. އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓަކާއި ތަޢުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން އެތަނުގައި 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއި އެކި ކަހަލަ ހަފްލާތައް ބޭއްވުމަށް ޚާއްސަ ސަރަޙައްދަކާއި އެތަނަށް ގެންދާ ކުދިންނާއި ބެލެނިވެރިން ބައްދަލުކުރުމަށް ޚާއްސަ ސަރަޙައްދެއްވެސް ތަރައްޤީކުރާނެއެވެ. ހޯޕް އައިލެންޑް ތަރައްޤީކުރަނީ މި ހުރިހާ ޚިދުމަތްތައް ހިމެނޭހެން އަސާސީ ހުރިހާ ޚިދުމަތްތަކާއެކުއެވެ.
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު ނުވަތަ ހޯޕް އައިލެންޑް" މަޝްރޫޢަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. ހޯޕް އައިލެންޑްގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދޭނެއެވެ. އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
ހޯޕް އައިލެންޑަށް ގެންދާ ކުދިން ޢުމުރުން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެކަމަށް މީގެ ކުރިން ސަރުކާރުންވަނީ ވިދާޅުވެފައެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސިފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭގޮތަށް ހެދުމަށްވެސްވަނީ ނިންމާފައެވެ.
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް ޚާއްސަ ތަނެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ކުށްކުރާ ކުޑަކުދިން ނުވަތަ ކުށްތަކަށް ހުށަހެޅިފައިވާ ކުދިން އެކަމުން ސަލާމަތްކޮށް އިސްލާހުކުރުމަށާއި، ކުޑަކުދިން ކުށަށް އަރައިގަތުން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ދަށުން ދައުލަތުން ހިންގާ އެކި ޕްރޮގްރާމްތަކުގައި 160 އަށްވުރެ ގިނަ ކުދިން މިހާރުވެސް ދަނީ ބަލަހައްޓަމުންނެވެ.