މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޓީމުން ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މޮޅު ނުވެވުނީ ފަރުވާ ކުޑަކޮށްލެވިގެން މަކަމަށް އެ ކުލަބުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
ކޮންމެ ކުލަބަކާއި ދެކޮޅަށް ނިކުންނައިރުވެސް އެއީ އައު ގޭމެއްކަން ދަނެގެން އެއްވެސް މެޗެއް ފަސޭހަކޮށްނުލާ ކުޅެން ޖެހޭ ކަމަށާއި، އެހެންނަމަވެސް ޓީސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިންނަށް ފަސޭހަކޮށްލެވުނީކަމަށް ކޯޗު ފާހަގަކުރިއެވެ.
އަދި މާޒިޔާއަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވަމުން އަންނަ ކުލަބެއް ކަމަށާއި، އެކަން މާޒިޔާއިން ކުރަމުން އަންނައިރު މިއަށްވުރެ ޒިންމާދާރުވާން ޖެހޭނެ ކަމަށް ކޯޗު ބުންޏެވެ.
ލީގުގައި މާޒިޔާ ކުޅުނު 11 ގޭމުގެ ތެރެއިން ހުރިހާ މެޗަކުން މޮޅުވަމުން އައިސް އެންމެ ފަހުން ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ ބެންޗުގައި ބައެއް މުހިންމު ކުޅުންތެރިން ތިބުމުގެ ސަބަބުން ކަމަށްވެސް ކޯޗު ފާހަގަ ކުރިއެވެ.
ލީގުގެ 2 ވަނަ ބުރުގައި 18 ޑިސެމްބަރުގައި ކުޅުނު މިމެޗަށް ނުކުތް އިރު އާއްމުކޮށް މާޒިޔާގެ ފުރަތަމަ އޭގަރައިން ފެންނަ އަހުމަދު އައިހަމް އާއި ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ އިނީ ބެންޗުގައެވެ.
"މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވުނީމަ މޮޅު ނުވެވުނީ. އަހަރުމެން އެބަޖެހޭ މިކަހަލަ ކަންކަން މެނޭޖުކުރަން ދަސްކުރަން. ކޮންމެ ގޭމަކީ އައު ގޭމެއްކަން ދަނެގެން އެވަރަށް ޒިންމާދާރުކަމާއެކު ކުޅެން ޖެހޭނީ. ހުރިހާ މެޗަކުން މޮޅޫވަމުން އައީމަ ފަސޭހަ ކޮށްލައިގެން ނުވާނެ. އެ މެންޓާލިޓީ ބަދަލުކުރަންޖެހޭނެ" ހެނާންޑޭޒް ބުންޏެވެ.
ކޮންމެ ކުލަބަކުންވެސް އަންނަނީ އައު ކުޅުންތެރިން ގެނެސް ކުލަބުތައް ވަރުގަދަ ކުރަމުން ކަމަށާއި، ދެން އޮތީ ވެލެންސިއާ މެޗުކަން ފާހަގަކޮށް ހެނާންޑޭޒް ބުނީ އެ ޓީމުގެ ކުޅުން އެނަލައިޒްކޮށް އެ މެޗަށް ރަނގަޅަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.
"އެއްވެސް ޓީމަކާއި ދެކޮޅަށް ނިކުންއިރު 'އެއްވެސް މެޗެއް ފަސޭހަވާނެ ކަމަށް ވިސްނުމަކީ ގޯހެއް. މާޒިޔާ ކުޅުންތެރިން އެ މެންޓާލިޓީ ބަދަލުކުރަން އެބަޖެހޭ" ހެނާންޑޭޒް ބުންޏެވެ.
ހެނާންޑޭޒް ބުނީ ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ މިހާ ހިސާބަށް އާދެވުމުން އެ ހިތްހަމަ ޖެހުން އެބައޮތްކަމަށާއި، ޓީސީ އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވިޔަސް ޖުމުލަކޮށް ބަލާއިރު ޓީމުގެ ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.