ފުވައްމުލަކު ހޮސްޕިޓަލަށް ގިނަ އަދަދަކަށް ނަރުހުން ހޯދަން އިޢުލާނުކޮށްފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ކުރި އިއުލާނުގައި ވާގޮތުން ނަރުހުން ހޯދަނީ ދާއިމީ ވަޒީފާތަކަށެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ، ނަރުހުން މަދުވުމުގެ ދައްޗަކީ މިހާރުވެސް އެ ހޮސްޕިޓަލަށް ދިމާވެފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ބޭނުންވާ އިތުރު ނަރުހުން ވެއްދުމަށް ރަައީސް އޮފީހުން ހުއްދަ ލިބުމާއެކު އެ ހޮސްޕިޓަލަށް 10 ނަރުހުން ހޮވުމަށް މިހާރު އިއުލާނުކޮށްފައިވާ ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ، ޚިދުމަތް ދިނުމަށް ހޮސްޕިޓަލުގައި ނަރުހުން އިތުރުވުމާއެކު އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތައްވެސް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި މިއީ އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ފުޅާކުރުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
ރަށްރަށުގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހޮސްޕިޓަލުތަކުގެ ޚިދުމަތް ރަނގަޅު ކުރުމުގެ އިތުރަށް ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ސިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެތަންތަނުން ޚިދުމަތް ފޯރުކޮށްދޭނެ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.