ޚަބަރު

ރިވައިވަލްގެ ތިން އެތުލީޓަކު މެލޭޝިއާގައި


ރިވައިވަލްގެ ތިން އެތުލީޓަކު މެލޭޝިއާގައި ޓްރޭނިންގ ކޭމްޕެއްގައި ތަމްރީނުތައް ފަށައިފިއެވެ.

މި ކޭމްޕަކީ އޭޝިއާ ބެޑްމިންޓަން އެކެޑެމީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕުގައި ރިވައިވަލްގެ ފަރާތުން ބައިވެރިވަމުން އަންނަނީ އެކުލަބުގެ 21 އަހަރުންދަށުގެ ސްކޮޑުގެ ކުޅުންތެރިންކަމަށްވާ އާދަމް މަހީން މުހައްމަދު އާއި އަހުމަދު އަޔާން ބިން މުހައްމަދު ޞަލާހުގެ އިތުރުން މުހައްމަދު ޚަލަފު އިމްރާންއެވެ.

މިމަހުގެ 22 އިން އަންނަ ޖެނުއަރީމަހުގެ 24 ގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕުގައި ދަސްކޮށްދޭނީ ބެޑްމިންޓަނުގެ އެޑްވާންސް ޓެކްޓިކަލް ޑެވެލޮޕްމެންޓާއި ގުޅުންހުރި ކަންކަމެވެ. އެގޮތުން ޒަމާނީ ބެޑްމިންޓަނުގެ އެންމެ މުހިންމު ފަސް ކީ ޓެކްޓިކަލް ރޫލްތަކަށް މި ކޭމްޕު ނިމިގެންދާއިރު އެތުލީޓުން އަހުލުވެރިވާނެއެވެ.

މިފަދަ ޕްރޮގްރާމެއްގައި ރާއްޖޭގެ އެތުލީޓުން ބައިވެރިކުރުވުމުގެ ބޭނުމަކީ ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރުމަށް ފުރުސަތު ހޯދަދިނުންކަމަށް ރިވައިވަލްއިން ބުނެއެވެ. މިފަދަ ޓްރޭނިންގ ތަކުގެ ސަބަބުން ރާއްޖޭގެ ޒުވާން އެތުލީޓުން ބައިނަލްއަގްވާމީ މެޗުތަކަށް ހޭނި، އެންމެ މަތީ ފެންވަރުގެ ޓްރޭނަރުންގެ ބެލުމުގެ ދަށުން ތަމްރީނުވެގެންދާއިރު މިއީ މުސްތަގުބަލުގައި އެލީޓް އެތުލީޓުންތަކެއް ގައުމުގައި އުފެދިގެން ދިއުމަށް ބާރަކަށްވެގެންދާނެކަމަށް ރިވައިވަލްއިން ބުނެއެވެ.

މި ޓްރޭނިން ކުރިއަށްގެންދާ "ދި އޭޝިއާ ބެޑްމިންޓަން އެކެޑެމީ" އަކީ މިކުޅިވަރުން އެތުލީޓުން އުފެއްދުމުގައި ފާހަގަކޮށްލެވޭ އެކެޑެމީއެކެވެ. އެ އެކެޑެމީއިން ކުރިއަށްގެންދާ ޓްރޭނިންގައި އޮން ކޯޓު ޓެކްޓިކަލް ސެޝަންތަކާއި، ފިޒިކަލް ކޮންޑިޝަނިންގެ އިތުރުން ކުޅުންތެރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސެޝަންތައް ކުރިއަށްގެންދާނެއެވެ.

މެލޭޝިއާގައި ކުރިއަށްދާ މި ކޭމްޕަށް ރިވައިވަލްގެ އެތުލީޓުން ފުރާފަވަނީ ރޭގައެވެ. އަދި މިކުދިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 25 ވަނަ ދުވަހުއެވެ.