މާފަރުގައި ތަރައްޤީކޮށް ހުޅުވި ކަސްޓަމްސްގެ އައު އޮފީހާއެކު އެސަރަޙައްދާއި، މުޅި ރާއްޖޭގައި ފޯރުކޮށްދޭ ކަސްޓަމްސްގެ ޚިދުމަތްތަކަށްވެސް ކުރިއެރުން އަންނާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ މާފަރުގައި ގާއިމްކޮށްފައިވާ ކަސްޓަމްސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ވިދާޅުވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މާފަރުގައި ހަދަމުންދިޔަ ކަސްޓަމްސް އިމާރާތުގައި ނިމިފައިވަނީ 30 އިންސައްތައެއްހާ މަސައްކަތްކަމަށާއި، އެ މަޝްރޫޢަކީ އެންމެ އިސްކަންދީގެން ނިންމަންޖެހޭ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ހިމެނުއްވިކަމަށެވެ. މިކަމުންވެސް ރައީސުލްޖުމްހޫރިއްޔާ ކަސްޓަމްސްގެ ކުރިއެރުމާއި މާފަރު ހިމެނޭ ސަރަހައްދުގެ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވާކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާވެގެންއަންނައިރު، ރާއްޖޭގެ އެހެން މައި ދޮރާށިތަކޭ އެއްފަދައިން އެއެެއަރޕޯޓުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މިވަގުތުވެސް ރާއްޖޭގެ ހުރިހާ ދޮރާށިތައް ނުހަނު ފުރިހަމަޔަށް ބަލަހައްޓަމުން ގެންދަވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސްގެ އެންމެ ބޮޑު އެއް ޒިންމާއަކަށްވާން ވާނީ މާފަރު އެއަރޕޯޓުން އެތެރެވާ މުދަލާއި ފަސިންޖަރުންނަކީ ދިވެހި ރާއްޖެއަށް ބުރެއް ކަމުގައި ނުވާނެގޮތަށް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނޭ ގޮތަށް ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޭނުންވާ މުދާ އެތެރެވުމާއެކު ޒިޔާރަތްކުރާ ފަރާތްތަކުވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށެވެ.
މިއާއެކު މާފަރު އެއަޕޯޓުގެ ޚިދުމަތްތައް ކަސްޓަމްސްގެ އައު އޮފީހާއެކު އިތުރަށް ފުރިހަމަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ސަރަޙައްދުގެ ރައްޔިތުންނަށް ބޭނުންވާ ކަސްޓަމްސްގެ އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް މި އޮފީހުން ކުރިއަށްގެންދާނެ ކަމެއް. އެގޮތުން އެކްސްޕޯޓަށް ބޭނުންވާ ޑެކްލަރޭޝަންތައް ފުރުމާއި އިމްޕޯޓަށް ބޭނުންވާ ޑެކްލަރޭޝަންތައް ފުރުމާއި، އަދި ކުރިން މާލޭ އެއަޕޯޓުން ނުވަތަ މާލޭ ޕޯޓުން އެތެރެވެގެންއައި މުދާ، އެޕޯޓުތަކާއި އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓުތަކުން އަދި ދުނިޔޭގެ އެހެން މަންޒިލްތަކުން މިއަތޮޅަށް، މިރަށަށް ގެނެސް މި ރަށުގައި ކްލިއަރކުރުންފަދަ ޚިދުމަތްތައް މި ހުޅުވުނު ކަސްޓަމްސް އޮފީހުން ދެމުން ގެންދާނެ" ވަޒީރު އިޙްސާން ވިދާޅުވިިއެވެ.
ވަޒީރު އިޙްސާންގެ ވާހަކަފުޅުގައި ކަސްޓަމްސްއިން މުޅި ރާއްޖޭގައި ފޯރުކޮށްދޭ މުހިންމު ޚިދުމަތްތަކަށް އަލިއަޅުއްވާލައްވައި އެޚިދުމަތްތައް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އިތުރަށް ފަސޭހަ ކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރާއްވާފައެވެ. އެގޮތުން ކަސްޓަމްސްއިން މަސައްކަތްކުރަންވާނީ ރައްޔިތުން ޚިދުމަތް ހޯދަން ކަސްޓަމްސްގެ އޮފީސްތަކަށްގޮސް ވަގުތު ހޭދަކުރުމުގެ ބަދަލުގައި ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޮނުވޭނެ މޮޑެލްއަކަށް ކަންކަން ތަރުތީބުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖެއަށް ޤާނޫނާ ޚިލާފަށް އެތެރެކުރާ ތަކެތި އަތުލައިގަނެ ޤާނޫނުތައް ތަންފީޒުކުރުމަށް ކަސްޓަމްސްއިން ކުރައްވަމުން ގެންދަވާ މަަސައްކަތްތަކަށް ވަޒީރު އިޙްސާން ވަނީ ތަޢުރީފުކުރައްވާފައެވެ.