ޚަބަރު

ޗުއްޓީއާ ދިމާކޮށް މާދަމާ ފުލުހުން އޮޕަރޭޝަނެއް ފަށަނީ


  • އޮޕަރޭޝަން ރިވެލި އަންނަ މަހުގެ 2 ވަނަ ދުވަހާ ހަަމައަށް ކުރިއަށްދާނެ

  • މި ފަހަރުގެ އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކުގައިވެސް ކުރިއަށްދާނެ

  • ޗުއްޓީ ދުވަސްވަރު އެކި ކަހަލަ ކުށްތައް އިތުރުވާކަން ފުލުހުން ފާހަގަކުރޭ

ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ހިންގާ ސިލްސިލާ އޮޕަރޭޝަން "ރިވެލި" މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މާލޭ ސަރަޙައްދުގެ ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ސިލްސިލާކޮށް ކުރިއަށްގެންދާ "ރިވެލި" އޮޕަރޭޝަން މާދަމާ ރެއިން ފެށިގެން އަންނަމަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެކަމަށެވެ.

މި އަހަރުގެ އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކާއި ރިސޯޓުތަކުގައިވެސް ކުރިއަށްދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަހަރީ ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކުވެސް ކުށްވެރިންގެ އަދަދާއި ކުށްތައް ގިނަވާކަމުގައި ޝަރީފް ފާހަގަކުރެއްވިއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ "ރިވެލި" އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ކުށް މަދުކުރުން ކަމުގައި އެސިސްޓެންޓު ކޮމިޝަނަރ ޝަރީފް ވިދާޅުވިއެވެ.

"ޗުއްޓީ ދުވަސްވަރު ހިންގާ ކުށްތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ. އެހެންކަމުން މާލޭގައި ހިނގާ ކުށްތައް މަދުކުރުމަށްޓަކައި އިތުރު ފުލުހުން މާލެތެރޭގައި ހަރަކާތްތެރިވަމުންދާނެ" އެސިސްޓެންޓް ކޮމިޝަނަރ ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ޗުއްޓީ ދުވަސްވަރަކީ އެކި ކަންކަމަށް މާލެއިން މީހުން އެކި ތަންތަނަކަށް ދަތުރުކުރާ، އަދި މާލެއަށްވެސް ގިނަ ބަޔަކު ދަތުުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން ފުރައިގެންދާއިރު، އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމާއި، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމާއި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަށް ފުލުހުން އިިރުޝާދު ދެއްވައެވެ. އަދި ޗުއްޓީގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި، ފުރުމުގެ ކުރިން އަމިއްލަ ސައިކަލު ފަދަ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ހަރކާތްތެރިވާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ ރައްކާތެރި ސަރަހައްދެއްގައި ޕާކުކޮށްފައި ބެހެއްޓުމަށް ފުލުހުން ގެންދަވަނީ އިރުޝާދު ދެއްވަމުންނެވެ.