މިއަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި 2217 އެކްސިޑެންޓު ހިނގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޓްރެފިކްގެ އެކި މައްސަލަތަކަކީ އަދިވެސް މާލެ ސަރަހައްދުގައި އެންމެ ބޮޑު އެއް މައްސަލައެވެ. މާލެ ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވީ މިހާތަނަށް މިއަހަރު މާލެ ސަރަހައްދުގައި އެކަނިވެސް 2217 އެކްސިޑެންޓް ހިނގާފައިވާކަމަށެވެ. މީގެތެރެއިން 335 އެކްސިޑެންޓަކީ ބްރިޖް އަދި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓުތައް ކަމަށްވާއިރު މީގެތެރޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިމެނެއެވެ.
"އެކްސިޑެންޓުތަކުގެ ތެރޭގައި ނުރައްކާތެރި 97 އެކްސިޑެންޓެއް އަޅުގަނޑުމެންނަށް މި އަހަރު ފާހަގަ ކުރެވުނު. އޭގެ ތެރެއިން 2 އެކްސިޑެންޓެއްގައި ދެ ފަރާތެށް މިދުނިޔެއާ ވަކިވެގެން ގޮސްފައިވޭ." އަހުމަދު ފަސީހު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ބައެއް މައްސަލަތަކާއި އެއްކޮށް މިއަހަރު މިހާތަނަށް އެކްސިޑެންޓުގެ 2327 މައްސަލައެއް ބަލާފައި ވާނެކަމަށް ފަސީހު ވިދާޅުވިއެވެ. މީގެތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު ދީފައިވާއިރު، އެކްސިޑެންޓުތަކުގައި ދެފަރާތުން ވާހަކަ ދައްކައިގެން، އެއްފަރާތުން އަނެއް ފަރާތަށް ބަދަލުގެ ގޮތުގައި 4.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދީފައިވެއެވެ. މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު %76 ގެ އިތުރުވުމެކެވެ.
ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން ދިޔުމުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމައްޓަކާ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އާންމުން ހޭލުންތެރި ކުރުމުގެ ތަފާތު އެކި ހަރަކާތްތައް ހިންގާފައިވެއެވެ. މަގުތަކަކީ ދަތުރު ކުރަން އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން އާންމުންނަށް،ސްކޫލްތަކަށް، ސަރުކާރުގެ އެކި މުއައްސަސާތަކަށް އަދި ޓެކްސީ ޑަރައިވަރުންނަށް ޚާއްސަކޮއްގެން އެކި ޕްރޮގްރާމްތައް ހިންގާފައިވެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮއްވެސް ވަނީ އެކިއެކި މަސައްކަތްތަކެއްކޮށްފައެވެ.