ވިޔަފާރި އިސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 30 ތަނެއް މާލެއިން ފާހަގަކުރެވިފައިވާކަމަށާއި އޭގެތެރެއިން މިއަހަރު 11 ތަނެއް ބަންދުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙް މުޙައްމަދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޖުމްލަ 50 ތަނެއް ފާހަގަކުރެވޭއިރު މާލޭގައި އެފަދަ ވިޔަފާރިކުރާ އެކްޓިވް 30 ތަނެއް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިއަހަރު ބަންދުކުރި 11 ތަނުގެ އިތުރަށް 20 ވަރަކަށް ތަން އަދިވެސް މާލޭގައި ހުރިކަމަށް ލަފާކުރެވޭކަމަށް ފުލުހުން ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުމެން އަބަދުވެސް އެކިއެކި އޮޕަރޭޝަންސްތައް ހިންގައި، ރޫޓިންކޮށް އެތަންތަނަށް ވަދޭ އެތަންތަނަށް އެޅެންހުރީ ކޮން ފިޔަވަޅުތަކެއްތޯ ބަލަމުންދާ ތަންތަން" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙް މުޙައްމަދު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އިދާރާތަކުންދަނީ ފުޅާދާއިރާއެއްގައި ގިނަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިގޮތުން ކަނޑާއި އަދި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ކުރި މަސައްކަތް ހުއްޓުވުމަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 20ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިޔަ އެކި އޮޕަރޭޝަންތަކުގައި 498.99 ކިލޯގެ މަސްތުވާތަކެއްޗާއި 6860 ފުޅި ނުވަތަ ދަޅުގެ ބަނގުރާ އަތުލައިގަނެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މީގެ މަގުމަތީ އަގު 975 މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަކަމަށް ފުލުހުން ފާހަގަކުރައްވާފައިވެއެވެ.
ސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންގޮސްފައިވާ އޮޕަރޭޝަންތަކުގައި ޓްރެފިކިންގެ މިންގަނޑަށް ފެތޭ 16024 މީހުންނާއި ސުވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެތެރެއިން 997 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު މަސްތުވާތަކެތީގެ 188 އޮޕަރޭޝަންވަނީ ހިންގާފައެވެ. މީގެތެރެއިން ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 137 މީހަކު ހިމެނޭތީ އެމީހުން ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ފޮނުވާލުމަށް، މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މީގެތެރެއިން 301 މީހަކަށް ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާގެ ނިޒާމަށް ފޮނުވިފައިވާކަމަށް ފުލުހުން ފާހަގަކުރައްވައެވެ.
ފުލުހުން ވިދާޅުވީ މާލެ ތެރޭގައި ކުރިއަށްގެންދާ އެކި އޮޕަރެޝަންތަކުގައި މިއަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މުޢާމަލާތުކޮށް އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ ތަޙުގީގަށް ފާހަގަކުރެވިފައިވާ 11 ތަނެއް ބަންދުކޮށްފައިވާކަމަށެވެ. އަދި މިހާރުވެސް މިފަދަ 20 ތަނެއް އަދިވެސް ހިންގަމުންދާކަމަށް ފުލުހުންނަށް ފާހަގަކުރެވޭކަމަށްވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ ކުރިއަށް އޮތ ދުވަސްތަކުގައިވެސް މާލެއާއި އަތޮޅުތަކުގައިވެސް ތަންތަން ކުއްޔަށް ހިފައިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާނަމަ އެކަންކަން ހުއްޓުވުމަށް އޮޕަރޭޝަންތައް ހިންގަމުންދާނެކަމަށެވެ.