ޚަބަރު

ޙަމަލާ ބަދަލުކުރުން ހުއްޓައިލަން ތައިލެންޑް-ކެމްބޯޑިޔާއިން އަނެއްކާވެސް އެއްބަސްވެއްޖެ


ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓައިލަން، ދެ ޤައުމުން އަނެއްކާވެސް އެއްބަސްވެފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ.

ތައިލެންޑާއި ކެމްބޯޑިޔާއާ ދެެމެދު ޙަމަލާ ބަދަލު ކުރަމުން ދަނީ ސަރަަޙައްދީ އިމާ ގުޅޭ މައްސަލައެއްގައެވެ. ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ފައުޖުތަކުގެ ދެމެދުގައި ވަރުގަދަ ޙަމަލާތަކެއް ބަދަލު ކޮށްފައިވާއިރު، ޙަމަލާތަކުގައި 100އަށް ވުރެ ގިނަ މީހުން މަރުވެ، ބައި މިލިޔަނަށްވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރުވެފައެވެ.

ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރި ވަރުގަދަ ޙަމަލާތައް ހުއްޓައިލުމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި އެއްބަސްވުމަށް، މި މި މަހުގެ ކުރީކޮޅު ދެ ޤައުމުން ވެސް ޙަމަލާތައް ބަދަލުކުރަން ފަށައިފައެވެ.

ތައިލެންޑުގެ ދިފާޢީ ވުޒާރާއިން ބުނީ، ދެ ޤައުމުގެ ދިފާޢީ ވަޒީރުންގެ މެދުގައި މިއަދު ސޮއިކުރި އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން، ޙަމަލާއެއް ދިންކަމުގެ މަޢުލޫމާތެއް ނުލިބޭ ކަމަށެވެ.

ކެމްބޯޑިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ތައިލެންޑުން ވައިގެ ޙަމަލާއެއް ދިން ކަމަށާއި، ނަމަވެސް، އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން، އަދި މިހާތަނަށް އިތުރު ޙަމަލާއެއް އަމާޒުވެފައިނުވާ ކަމަށެވެ.

ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ދެ ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، ސަރަޙައްދީ ރޮނގު ކައިރިއަށް އިތުރު ސިފައިން ޖަމާނުކުރަން އެއްބަސްވުމުގެ އިތުރުން، ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ މީހުން އެނބުރި އައުމަށް ފުރުޞަތު ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.