ޚަބަރު

އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތް އަންނަ މަހު ފަށަނީ


  • މިއީ ރާއްޖޭގައި ތަރައްޤީކުރެވޭ މިފަދަ ފުރަތަމަ މިއުޒިއަމް

  • އަންނަ މަހު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ވިދާޅުވި

އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގައި ތަރައްޤީކުރެވޭ މިފަދަ ފުރަތަމަ މިއުޒިއަމް ކަމަށެވެ.

އިންޓަރެކްޓިވް އިމާސިވް މިއުޒިއަމެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިޔާދަކުރުމާއި، ދިވެހި ތަރިކައިގެ ދާއިރާ ތަރައްޤީކުރުމާއި، ތަރިކަ ދިވެހީންނަށް އޭގެ ހަޤީގީ މާނައިގައި ރައްދުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެތެރެއިން ކުރައްވާ މުހިންމު މަސައްކަތެކެވެ.

މި މަސައްކަތްތާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާއި ސަޤާފަތާއި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފަށާނެކަމަށާއި، ޖަނަވަރީ މަހު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިކަމާ ގުޅޭ އެހެނިހެން ތައްޔާރީތައް އިރާދަކުރެއްވިއްޔާ ގާތްގަނޑަަކަށް މިހާރު މިވަނީ ނިމިފައި. މިއީ ވަރަށް ބޮޑު މަސައްކަތެއް. ރާއްޖޭގައި މިހާތަނަށް ކޮށްފައިނުވާ މަސައްކަތެއް މި މަސައްކަތަކީ. ވަރަށް ގިނަ ކަރުދާހު މަސައއްކަތް ކުރަންޖެހޭ. އެހެންމަ އެ މަސައްކަތްތައް މިހާރު ވަނީ ނިމިފައި." ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.

އިމާސިވް މިއުޒިއަމްތަކަކީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކުރާ މިއުޒިއަމްތަކެކެވެ. މިއީ ދުނިޔޭގައި މަޤްބޫލްކަން ހޯދަމުން އަންނަ ތަންތަންކަންވެސް ފާހަގަކޮށްލެއެވެ.

ރާއްޖޭގައި މި ތަރައްޤީކުރެވޭ އިމަރސިވް މިއުޒިއަމަކީ އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ހުރި ސަރަޙައްދު ހިމެނޭހެން އީޖާދީ ވިސްނުންތަކާ ވަސީލަތްތަކުގެ އެހީގައި ދިވެހި ތާރީޚާއި ތަރިކަ ތަޖުރިބާކުރެވޭނެހެން ތަރައްޤީކުރާ ތަނެކެވެ. މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދުވާލާއި ރޭގަނޑުވެސް ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޒަމާންވީ ތަރިކަތައް ހިމާޔަތްކުރުމުގެ މަސައްކަތް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން މިހާރުވެސް އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ހއ. އުތީމު، ބާރަށް އަދި ތަކަންދޫ ހިމެނޭހެން "ޣާޒީ ރަދުން" ގެ އަސަރުތައް ދިރުވައި ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.