ޚަބަރު

މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް ގޯތި ދޭނީ ރަސްމާލެއިން


  • މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާންޖެހޭ

  • ފްލެޓަށް ކުރިމަތިލެވޭނީ 2 ކެޓަގަރީއަކުން

  • ފްލެޓްތައް ދޫކުރުމުގައި އިސްކަންދޭނެ ކެޓަގަރީތައް ހިމަނާފައިވޭ

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބިން ދޫކުރާނީ ރަސްމާލެއިން ކަމުގައި ކަނޑައަޅައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓް ދޫކުރުމާ ގުޅޭ އުސޫލުތައް ސަރުކާރުން ޢާންމުކޮށްފިއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމާ ގުޅޭ އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެހިންނަށް އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ދޫކުރާނީ، 1250 އަކަފޫޓުގެ ގޯއްޗެވެ. މާލޭގައި ދިރިއުޅޭ މާލޭގައި ރަޖިސްޓްރީ އޮންނަ ރައްޔިތުންނާއި ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ، ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެއިންނެވެ. ނަމަވެސް މާލޭގައި ދިރިއުުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރާނީ ރަސްމާލެއިން އެކަންޏެވެ.

މި އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެހިންގެ ތެރެއިން ގޯތި ދޫކުރާނީ، 18 އަހަރުވެފައިވާ އަދި 14 ޖެނުއަރީ 2026 އާ ހަމައަށް މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ މަދުވެގެން 1 އަހަރު ދުވަސްވެފައިވާ ރައްޔިތުންނަށެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރެވޭނީ، 14 ޖެނުއަރީ 2026 އާ ހަމައަށް މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ.

މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ތެރެއިން ގޯއްޗަށް ކުރިމަތިލާ އެއްވެސް ރައްޔިތަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ އެއްމެދު ގޯއްޗަކުން 400 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާނަމަ އެތަނެއް ދޫކޮށްލަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކައިވެނި ކޮށްގެން އުޅޭ މީހެއްނަމަ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާގެވެސް 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް އޮވެގެން ނުވާނެ ކަމަށާއި ތަރިކައިން ނުވަތަ ވަސިއްޔަތަކުން ގޯއްޗަކުން ބައެއް ލިބޭ ހާލަތެއްގައި އެބައެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ސަރުކާރުން ދޫކުރާ ގޯއްޗަށް އެދޭ ފަރާތްތަކުން މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯތި، ފްލެޓް ނުވަތަ އިމާރާތެއް ވިއްކައިގެން ނުވަތަ ހިބައިން ދީގެން ނުވާނެ ކަމަށްވެސް އުސޫލުގައިވެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް އުސޫލުގައި ދެ ކެޓަރީއެއް ކަނޑައަޅާފައިވީ ނަމަވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއަށް އިތުރު ކެޓަގަރީތައް ކަނޑައެޅޭނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމާ ގުޅޭ އުސޫލުގައިވާ ގޮތުން ދެ ކެޓަގަރީއަކުން މާލެ ސަރަހައްދުން ފްލެޓް ދޫކުރެވޭނެއެވެ. އެއީ، އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލްއާއި ރެންޓް-ޓު-އޯން މޮޑެލްގެ ދަށުންނެވެ.

އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލަކީ، ސަބްސިޑައިޒް ކޮށްފައިވާ އަގުތަކެއްގައި ބޯހިޔާވަހިކަން ގަނެވޭނެ މޮޑެލެކެވެ. މި މޮޑެލްގެ ދަށުން ފްލެޓަށް އެދެވޭނީ، ބޭންކުން ނުވަތަ ފައިނޭންސިންގ އިދާރާއަކުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީއަކަށް ޝަރުތު ހަމަވާ މީހުންނަށެވެ. އަދި ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ، ފުރަތަމަ ފަހަރަށް ގެދޮރު މިލްކު ކުރުމަށް އެދޭ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ރެންޓް-ޓު-އޯން މޮޑެލަކީ، ޔުނިޓު ހަވާލުކުރެވޭ ފަރާތުން މަހުން މަހަށް ފައިސާ ދައްކަންޖެހޭ އަދި ޔުނިޓުގެ ޖުމުލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިމުމުން ބޯހިޔާވަހިކަން ލިބުނު ފަރާތަށް ޔުނިޓު މިލްކު ކުރެވޭ މޮޑެލެކެވެ. މި މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބުނު ފަރާތުން މަހުން މަހަށް ދައްކާނީ، ޔުނިޓުގެ ކުލީގެ ފައިސާއެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަން ދޫކުރާ ފަރާތާއި، ބޯހިޔާވަހިކަން ލިބޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާ މެނޭޖުމަންޓް ފީއާއި، އެހެނިހެން ފީތަކާއި، ޗާޖުތަކެއް ނުހިމެނޭނެއެވެ. ބޯހިޔާވަހިކަން ލިބުނު ފަރާތަށް ޔުނިޓުގެ މިލްކުވެރިކަން ބަދަލު ކޮށްދޭނ،ީ އެއްބަސްވުމުގެ ދަށުން ދައްކާ އެންމެފަހު ކުލި ދައްކައި، ހައުސިންގ ޔުނިޓުގެ ފުރިހަމަ އަގު އަދާކޮށް ޚަލާޞް ކުރުމުންނެވެ.

މި މޮޑެލަށް ޝަރުތު ހަމަވާނީ، އެޕްލިކަންޓުގެ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ ގޮތުގައި 60,000 ރުފިޔާ އަށްވުރެ އާމްދަނީ ދަށްވުމާއެކު ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ ފަރާތްތަކަށެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް އެދެވޭނީ 18 އަހަރުވެ، މާލޭގެ ރަށްވެއްސެއްނަމަ ރަށްވެއްސަކަށްވިތާ 14 ޖެނުއަރީ 2026އާ ހަމައަށް މަދުވެގެން 1 އަހަރުވެފައިވާ މީހުންނަށެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއްނަމަ 14 ޖެނުއަރީ 2026 އާ ހަމައަށް މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ މަދުވެގެން 15 އަހަރުވެފައިވާ މީހުންނަށެވެ.

ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުންވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެމީހެއްގެ ނުވަތަ އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ އެއްމެދު ގޯއްޗަކުން ބައެއް އޮވެގެން ނުވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މި އުސޫލުގައި ބޯހިޔާވަހިކަން ދޫކުރުމުގައި އިސްކަންދޭނެ ފަރާތްތައްވެސް ވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށް އިސްކަން ދޭނެއެވެ.

ބޯހިޔާވަހިކަން ދޫކުރުމުގައި އިސްކަންދޭނެ ފަރާތްތައް

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
  • އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާޢަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޝަރުޢީ ދާއިރާގެ މުވައްޒަފުން
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް
  • މައިމުޅަވުމުގެ ސަބަބުން ގޯތި ގެދޮރު މިލްކު ކުރުމުން މަޙުރޫމުވެފައިވާ ފަރާތްތައް
  • ވެށިފަހި މާލެއާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް
  • ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަޤީރު ޢާއިލާތައް
  • ބޯހިޔާވަހިކަމާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން
  • ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތައް
  • މިނިސްޓްރީން އާންމުކޮށް އަންގައި އިޢުލާނު ކުރާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން

ސަރުކާރުން އާންމު ކުރައްވާފައިވާ އުސޫލުގައި ގޯއްޗާއި ފްލެޓަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ލިބޭނެ އުސޫލުތައްވެސް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.