މި ފެށުނު އަހަރަކީ އިސްލާމީ ވަޢުދުތަކަށް އިތުރު ފުރިހަމަކަން ލިބި، އިސްލާމީ ގޮތުން ފާގަތި އަހަރަކަށް ވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، 2026 ވަނަ އަހަރު އެ ވުޒާރާއިން ކުރަން ނިންމާފައިވާ ކަންތައްތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގާއި ޙިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ފެށުނު އަހަރު އިސްލާމީ ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ މުއައްސަސާތަކުގެ 10 އަހަރުގެ އިސްތިރާޖީ ޕްލޭން އެކުލަވައިލެވިގެންދާނެ ކަމަށެވެ. އަދި ޒުވާން އިމާމުންނާއި، ޒުވާން ޚަޠީބުންނާއި، ޙާފިޒުންގެ ޤައުމީ މަހާސިންތާ ބޭއްވޭނެ ކަަމަށާއި ޒުވާން ޚަޠީބުންގެ އަދަދު 1 ހާހަށް ވާޞިލްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، ހުޅުމާލެ ފޭސް 1 އަދި 2ގައި ދާއިމީ 5 މިސްކިތް ހުޅުވި، އިތުރު 4 މިސްކިތެއްގެ މަޝްރޫއު ފެށިގެންދާނެ ކަމަށާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މިސްކިތްތަކާއި، ސެންޓަރުތަކާއި، ވަޤުފު މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ގިނަ ޢަދަދެއްގެ ޢިލްމީ ރިފަރެންސް ފޮތްތަކުގެ ދިވެހި ތަރުޖަމާ ނެރެވި، ޤުރުއާނާއި ބެހޭ މަރުކަޒުގެ ގިނަ ގޮފިތައް ހުޅުވިގެންދާނެ ކަމަށާއި ހާފިޒުން އުފެއްދުމުގެ މަޝްރޫޢު ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ ޙާފިޒުންގެ އަދަދު 300 އިން މަތިވެގެންދާނެ ކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވާ ޤުރުއާނަށް ޚާއްޞަ ވަޤުފު ބިލްޑިންގ މަޝްރޫޢު އަމަލީގޮތުން ފެށިގެން ގޮސް އަދި ޒަކާތު ފަންޑާއި، ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށާއި ޒަކާތު ޤާނޫނަށް ޢަމަލުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޒަކާތު ބެނެފިޝަރީ ކާޑު ލިބި، އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ވިދާޅުވީ، މިފެށުނު އަހަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކަށް އިތުރު ފުރިހަމަކަން ލިބި، އިސްލާމީ ގޮތުން ރާއްޖެއަށް ފާގަތި އަހަރަކަށް ވެގެންދާނެ ކަމަށެވެ.