ޚަބަރު

ސިންގަޕޫރުން އަހަރު ނިންމާލީ %4.8 އިޤްތިޞާދީ ކުރިއެރުމަކާއެކު


2025ވަނަ އަހަރުގެ ފަހު ކުއާޓަރގައި ސިންގަޕޫރުގެ އިޤްތިޞާދު އޭގެ ކުރީ އަހަރާ އަޅާބަލައިިއިރު 5.7 އިންސައްތަ ކުރިއަރާފައިވާ ކަމަށް އެ ޤައުމުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

2025ވަނަ އަހަރުގެ އެހެން ކުއާޓަރތަކާ އަޅާބަލައިއިރު އެ ޤައުމުގެ އިޤްތިޞާދަށް ފަހު ކުއާޓަރގައި ލިބިފައި ވަނީ 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. ސިންގަޕޫރުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އަންދާޒާކޮށްފައި ވަނީ 2025ވަނަ އަހަރުގެ އިޤްތިޞާދީ ކުރިއެރުން އެންމެ ގިނަވެގެން ވެސް ހުންނާނީ 4 އިންސައްތައިގައި ކަމަށެވެ. ނަމަވެސް މުޅި އަހަރަށް ބަލާނަމަ ސިންގަޕޫރަށް ލިބިފައިވާ ހަޤީޤީ އިޤްތިޞާދީ ކުރިއެރުން މިންކުރެވެނީ 4.8 އިންސައްތައިގެ ގޮތުގައެވެ. އެއީ 2021ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ އިޤްތިޞާދު ކުރިއަރާފައިވާ އެންމެ ބޮޑު މިންވަރެވެ.

ސިންގަޕޫރުގެ ސަރުކާރުން ކުރިން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ކުރިއަރާނީ 1.0 އިންސައްތައާއި 3.0 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ. ނަމަވެސް އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް ސިންގަޕޫރުގެ އިޤްތިޞާދު ކުރިއެރުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މުދާ އުފެއްދުމުގެ ދާއިރާއިން ލިބުނު ކުރިއެރުންތައް ފާހަގަކޮށްލެވެއެވެ. އެ ގޮތުން ބަޔޯމެޑިކަލް ސާމާނާއި ކަރަންޓު ސާމާނު އުފައްދާފައިވާ މިންވަރު އިތުރުވުން ހިމެނެއެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި އޭއައިއާ ގުޅުންހުރި ސެމީ ކޮންޑަކްޓަރާއި އެހެން އާލާތްތަކަށް އޮންނަ ޑިމާންޑު އިތުރުވުމަކީ މި ދާއިރާ ކުރިއަރަން މެދުވެރިވި މައިގަނޑު އެއް ސަބަބެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލައުރެންސް ވޮންގ ވިދާޅުވީ ކުރިން ލަފާކުރި މިންވަރަށް ވުރެ އިޤްތިޞާދީ ކުރިއެރުން އިތުރުވެފައި ވަނީ އޭއައި ދައިރާގެ ސަބަބުންނާއި ސިންގަޕޫރުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފްގެ ޢަދަދު ހީކުރި މިންވަރަށް ވުރެ ދަށްވުމުން ކަމަށެވެ. ސިންގަޕޫރުން އެމެރިކާއަށް އެތެރެކުރާ މުދަލުން 10 އިންސައްތައިގެ ޓެރިފެއް ނަގާއިރު، އެއީ ދެކުނު އިރުމަތީ އޭޝިޔާގެ އެހެން ޤައުމުތަކުން ދައްކަންޖެހޭ ޓެރިފްގެ ޢަދަދަށް ވުރެ ދަށް ޢަދަދެކެވެ. ނަމަވެސް 2026ވަނަ އަހަރު، މިދިޔަ އަހަރުގެ ދުވެލީގައި އިޤްތިޞާދީ ކުރިއެރުން ދެމެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވޮންގ ވިދާޅުވެފައިވެއެވެ.