ބޯހިޔާވަހިކަމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު މައްސަލައެވެ. މުޅި މުޖުތަމަޢުގެ ހަމަޖެހުން ގުޅިފައިވަނީ ޢާއިލާގެ ހިތްހަމަޖެހުމާއިކަމަށްވާއިރު، ކުޑަތަންކޮޅެއްގައި ގިނަ ކުދިންނާއެކު މިނިވަންކަމެއްނެތި އެތައް ޢާއިލާއަކުން އުޅެންޖެހުމުގެ ނަތީޖާއަކީ ޢާއިލާތަކުގައި މެދުގައި މައްސަލަތައް ޖެހުން ގިނަވުމެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުތަކުން އަހަރުތަކެއް ކުރިން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެކަމަށް އޭރު ޤަބޫލުކުރެވުނެވެ. އެހެންނަމަވެސް އެއްވެސް ހަމައެއް ލަމައެއް ނެތި އެމަސައްކަތް ކުރުމުގެ ސަބަބުން މުޖުތަމަޢުގައި ބޯހިޔާވަހިކަމާއި ގުޅިފައިވާ އަދުލުއިންސާފުގެ ހަމަހަމަކަންވަނީ ނެތިގެން ގޮސްފައެވެ.
މީގެކުރިން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ދަނީ ހިއްސާކުރަމުންނެވެ. ރައްޔިތުންނާއެކު ރައީސް ބާއްވާ ބައްދަލުވުންތަކުގައި އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީވެސް ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމުންވެސް ޝަރުތު ހަމަނުވާކަމަށް ނިންމާ މައްސަލައެވެ. އެހެންނަމަވެސް ރަށުގައި ދިރިއުޅެމުން އަންނަ މީހުންނަށް މާލެއިން ފްލެޓު ދޭ މަންޒަރު ފެންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މީގެކުރިން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢުތަކުގައި އޮޅުވާލައިގެން މަޢުލޫމާތު ދިނުމުގެ ގިނަ މައްސަލަތަކެއް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށްވެސް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ފާހަގަކޮށްލެވުނު އެއް މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއްގެ ފޯމުގެ މައްސަލައެވެ. ފޯމުގައި ބުނެފައިވަނީ 1 ފާޚާނާ ބޭނުންކުރާ 6 މީހުން ތިއްބެވިކަމަށެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫންކަން ދިރިއުޅުމުގެ ހާލަތަށް ބަލާލުމުން އެނގެން އޮތެވެ. މިއީ ދައުލަތުގެ އެކި މަޤާމުތަކުގައި ކެރިފޯރުންތެރިކަން ހުރި ބޭފުޅުންގެ ފަރާތުން ފެނިގެންދިޔަ މަންޒަރެވެ. ގޯތިގެދޮރުގެ ތަނަވަސްކަން ނެތް އެތައް ބަޔަކު މާލެއާއި އަތޮޅުތަކުގައި ތިބިއިރު ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްތަކުން މާލެއާއި ރަށްރަށުގައި ގޯއްޗާއި ގެދޮރު ހުރި ފަރާތްތަކަށް ފްލެޓު ލިބުމުގެ ކަންބޮޑުވުން ރައްޔިތުންގެ އަބަދުވެސް އޮވެއެވެ.
މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުންވަނީ ފުރަތަމަ ފަހަރަށް ގެދޮރުވެރިކަމާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށްޓަވާފައެވެ. މިބިލުގެ މަސައްކަތް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ. ބިލުގެ މަސައްކަތް ނިމި ޤާނޫނަކަށް ވެގެންދިޔުމުން ރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢެއްގެ ދަށުން އޮޅުވާލައިގެން ޕޮއިންޓްދީގެން ފްލެޓާއި ގޯތި ދޫކުރުމަށް މިހާރު ހުރި ދޮރުތައް ބަންދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަޙްމަދު ނާޒިމް މުޙްމަދު ވިދާޅުވީ ސަރުކާރުގެ ސޯޝަލް ހައުސިންގއަށް ކުރިމަތިލާ ފަރާތްތައް މަދުކުރުމަށް ސޯޝަލް ހައުސިންގއަށް އިތުރު ކެޓަގަރީއެއް އިތުރުކުރެވިދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
"ސޯޝަލް ހައުސިންގ ސްކީމްގެ ތެރެއިންވެސް އަޅުގަނޑުމެން ޤަބޫލުކުރަން އަދި އިތުރު ކެޓަގަރީއެއް އުފެއްދިދާނެކަމަށް. އޭގެ ބޭނުމަކަށް މިވަނީ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްގެ ފަހަތުން އަންނަ އާބާދީ މަދުކޮށްފައި، އެހެންނަމަވެސް އެބޭފުޅުންގެ ޢާމްދަނީގެ ތަނަވަސްކަމާއި މުދަލުގެ ތަނަވަސްކަމަށް ބަލައިގެން އެފަރާތްތަކަށް މާކެޓުން ހައުސިންގ ލިބޭނެ ގޮތެއް ހެދުން." ނާޒިމް ވިދާޅުވިއެވެ.
މިބަދަލާއެކު ސޯޝަލް ހައުސިންގެ އެ ކެޓަގަރީއަކަށް ކުރިމަތިލެވޭނީ މުޖުތަމަޢުގައިތިބި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ޢާއިލަތަކަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އާމްދަނީގެ ތަނަވަސްކަން ހުރި ފަރާތްތަކަށް އަމިއްލަ ބޯހިޔާވަހިކަން އިތުރު ކެޓަގަރީތަކުން ހޯދުމުގެ ފުރުސަތު މިއާއެކު އޮންނާނެއެވެ.