ރާއްޖޭގެ ޒަކާތު ފަންޑު ބެލެހެއްޓުމުގެ ކަންކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ބައިވެރިވުމަކީ މިނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރާއްޖޭގައި ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ޒަކާތު ފަންޑު ބެލެހެއްޓުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއާއި ދެމެދު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެމްއެމްއޭއާއި ހަވާލުކުރެވިގެން ދިޔުމަކީ މިނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
"މިފަންޑު ބަލަހައްޓާނީ ވަކި ޚާއްޞަ އެކައުންޓެއްގައި ވަކި ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން. އަޅުގަނޑު ޤަބޫލުކުރާ ގޮތުން އެމްއެމްއޭއިން މިފަންޑު ބެލެހެއްޓުމަކީ، މިނިޒާމާ މެދު އިތުބާރު ދެމެހެއްޓުމަށް އެޅުނު މުޙިއްމު ފިޔަވަޅެއް." ވަޒީރު ވިދާޅުވިއެވެ.
Minister of Islamic Affairs, Dr. Mohamed Shaheem Ali Saeed, attended the Agreement Signing Ceremony between the Maldives Monetary Authority (MMA) and the Maldives Zakat House. pic.twitter.com/EpXg3D8nOh
— Ministry of Islamic Affairs (@MVIaffairs) January 5, 2026
ޒަކާތު ފަންޑު ބެލެހެއްޓުމުގެ މަސައްކަތް އެމްއެމްއޭއާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ، ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ވަނީ، މުޙިއްމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެމަސައްކަތުގެ ތެރެއިން ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލާ، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ޚާއްޞަ އިދާރާއެއް ވަނީ އުފައްދަވާފައެވެ. ޒަކާތު ޤާނޫނުގެ ދަށުން ޒަކާތު ފަންޑުގެ ކަންކަން ބެލެހެއްޓުން މާލިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ޙަވާލުކުރަން ޖެހެނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއެވެ. ޒަކާތު ފަންޑު ބަލަހައްޓަން ޖެހެނީ، ޕަބްލިކް އެކައުންޓާއި ވަކިން އެމްއެމްއޭގައި ޤާއިމުކުރާ ފަންޑެއްގައި ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިފަންޑުން އިސްލާމީ ޝަރީޢާ ހުއްދަ ކުރާ ގޮތުގެ މަތިން އިންވެސްޓުކޮށް، ރަނގަޅު ފައިދާއެއް ހޯދުމަށް މަސައްކަތް ކުރަން ޖެހެއެވެ.