ޚަބަރު

ސްޕާތަކެއް ބަލާ ފާސްކޮށް، އެކަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ހުޅުމާލޭގައި

މާލެ ސަރަޙައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 4 ތަނެއް ބަލައި ފާސްކޮށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން އިއްޔެ ހުޅުމާލޭގައި އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވެއެވެ.

މި އޮޕަރޭޝަންގެ ތެރެއިން ހުޅުމާލޭގެ ޖުމްލަ 4 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ އެކަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހިންގާ ޚާއްސަ އޮޕަރޭޝަނުގައި އިމިގްރޭޝަނާއެކު ކަމާގުޅުން ހުރި އިދާރާތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފާއިތުވި މުއްދަތުގެ ތެރޭގައިވެސް މާލެއާއި މާލޭ ސަރަޙައްދުގައި ބިދޭސީން ހަރަކާތްތެރިވާ އެކި ތަންތަނަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ވަނީ ތަފާތު އޮޕަރޭޝަންތައް ހިންގާފައެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.