ޚަބަރު

ލުބްނާންގެ ދެކުނުގައި ގެންގުޅޭ ހުރިހާ ހަތިޔާރެއް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސްފި


ލުބްނާންގެ ދެކުނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތުގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ބުނެފިއެވެ.

ލުބްނާންގައި ޙަރަކާތްތެރިވާ ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުގެ އަތުގައި ހުރި ހަތިޔާރު އަތުލުމަށް މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުން ވަނީ ސުންގަނޑިއެއް ކަނޑައަޅައިފައެވެ.

ލުބްނާންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ހަރުދަނާ އަދި ދެމެހެއްޓެނެވި ނިޒާމެއްގެ ތެރެއިން، ދެކުނުގައި ގެންގުޅޭ ހުރިހާ ހަތިޔާރެއް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް މިހާރު ގެނެވިފައިވާ ކަމަށެވެ.

ނަމަވެސް، އެ ޖަމާޢަތްތަކުން އެ ސަރަޙައްދުގައި ގެންގުޅުނު ބައެއް ހަތިޔާރުތައް ނައްތާލަން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އަސްކަރިއްޔާއިން ރާވާފައިވަނީ، ލުބްނާންގެ ދެކުނުގައި ގެންގުޅޭ ހަތިޔާރުތައް ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެ މަސައްކަތް އެހެން ސަރަޙައްދުތަކަށް ފުޅާކުރުމަށެވެ.

މީގެއިތުރުން، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވެރިވެގެންފައިވާ ހިސާބުތައް ފިޔަވައި، އެހެން ހުރިހާ ސަރަޙައްދެއް އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކުގެ ހަތިޔާރު އަތުލުމަށް ޔަހޫދީންނާއި އެމެރިކާއިން ލުބްނާންގެ ސަރުކާރަށް މަޖުބޫރު ކުރުވަން ފަށާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އެއީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމެއް އެކުލަވައިލުމާ އެކުގައެވެ.

ޙިޒްބުاللهން ޔަހޫދީންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ އެކުގައެވެ. ލުބްނާންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ބައިރޫތުގެ އިތުރުން ލުބްނާންގެ މައި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއްދީ، އެތަކެއް ހާސް ބަޔަކު ޝަހީދު ކޮށްލާފައެވެ.

ނަމަވެސް، އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ސީދާ ޙިޒްބުﷲއަށް އިޝާރާތްކޮށްފައެއް ނުވެއެވެ.

ލުބްނާންގެ އަސްކަރިއްޔާގެ އޮފިޝަލަކާ ޙަވާލާދީ ރޮައިޓަރސް ނޫހުން ބުނި ގޮތުގައި، ލުބްނާންގެ ދެކުނުގައި ތިބެގެން އެއްވެސް ޖަމާޢަތަކަށް ޙަމަލާތައް ފޮނުވާލުމުގެ ޤާބިލުކަން މިހާރު ވަނީ ނައްތާލެވިފައެވެ.