ޚަބަރު

ސިވިލް ސަރވިސް ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


  • މިއަހަރުގެ ކޮންފަރެންސް އޮންނާނީ ޖޫން މަހުގެ 7 އިން 9 އަށް

  • 250 ފަރާތުން ބައިވެރިވާ މިކޮންފަރެންސުން 15 ވަރަކަށް ރިސާރޗް ކަރުދާސް ލިބޭނެ

ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026ގެ މީޑިޔާ ޕާރޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ.

މިކަމާބެހޭ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. އަދި ސިވިލް ސާރވިސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނަކީ މިނިވަން، ފަންނީ އަދި ޒަމާނީ ސިވިލް ސަރވިސްއެއް ބިނާކޮށް ބެލެހެއްޓުމުގެ މުހިންމު މަސްޢުލިއްޔަތު މަތިކޮށްފައިވާ އިދާރާއެއް ކަމަށެވެ. މީގެ ތެރޭގައި މުވައްޒަފުން ވަޒީފާއަށް އައްޔަނު ކުރުމާއި، ވަކިކުރުމާއި، މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ އިތުރުން، ސުލޫކީ މިންގަނޑުތައް ތަންފީޒުކުރުން ހިމެނޭ ކަމަށެވެ. އަދި އިސްތިރާޖީ ރޭވުންތަކުގެ އެހީގައި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ނަޒާހަތްތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި އިންސާނީ ވަސީލަތް ބިނާކުރުމަކީ ކޮމިޝަނުގެ މައިގަނޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ.

މުހައްމަދު މުޖުތާޒު ވިދާޅުވީ، ސިވިލް ސަރވިސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ދެނެގަނެ އެކަށައެޅުމަށްޓަކައި ކޮންމެ 2 އަހަރުން 1 އަހަރު ސިވިލް ސަރވިސް ކޮންފަރެންސްގެ ނަމުގައި 2014 ވަނަ އަހަރުން ފެށިގެން ކޮންފަރެންސެއް ބާއްވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރު ބާއްވާ ކޮންފަރެންސަކީ މިގޮތަށް ބާއްވާ 5 ވަނަ ކޮންފަރެންސް ކަމަށެވެ.

މުހައްމަދު މުޖުތާޒު ވިދާޅުވީ، މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ކުރިމަގަށް ތައްޔާރުވެފައިވާ އިޖާބަދޭ ހިންގުންތެރިކަމެއް - މީހުން ބާރުވެރި ކުރުވައި، ހަލުވިކަމާއެކު ޚިދުމަތްތައް ހަރުދަނާ ކުރުން" ކަމަށެވެ. މި ކޮންފަރެންސްގައި މުހިންމު ގިނަ މައުޟޫތަކަކަށް މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަހަރުގެ ކޮންފަރެންސްގައި 250 ފަރާތުން ބައިވެރިވެ، ގާތްގަނޑަކަށް 15 ރިސާރޗް ކަރުދާސް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވިއެވެ.

"މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގެ އިސްފަންތީގެ މުވައްފުންނާއި، ސީޔާސީ ބޭފުޅުންނާއި، ކުންފުނިތަކުގެ އިތުރުން ސިޓީ އަދި ރަށު ކައުންސިލްގެ ފަރާތުން ބައިވެރިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި. މީގެ އިތުރުން ކީ-ނޯޓް ސްޕީކާރސްގެ ގޮތުގައި ދިވެހިރާއްޖޭގެ ފާހަގަކުރެވޭ ފަރާތްތަކާއި ބައިނަލްއަޤުވާމީ ފަރާތްތައް މި ކޮންފަރެންސްގައި ބައިވެރިވެ" ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، ސިވިލް ސާރވިސް ކޮންފަރެންސަށް ޕީއެސްއެމްއިން މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެމްޑީ ޝަކީބް ވިދާޅުވީ، ސިވިލް ސާރވިސް ކޮންފަރެންސްގައި އަލިއަޅުވާލާ ޒަމާނީ އަދި އިޖާދީ މައުލޫތަކަކީ ޕީއެސްއެމް ފަދަ މުވައްސަސާތަކަށް މުހިންމު މައުލޫމާތުތަކެއް ކަމަށެވެ.

" ޒަމާނީ ވަސީލައްތައް ބޭނުންކޮށްގެން ޒަމާނާއި އެެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމާއި، ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، މުވައްޒަފުންގެ މަސައްކަތަށް ޝައުޤުވެރިކަން ކުރުމާއި، މިކަހަލަ ހުރިހާ ކަމަކަށް ބަލާއިރުވެސް ސިވިލް ސާރވިސްއަށް އެކަނި މުހިންމު ކަމެއް ކަމަށް ނުދެކެން. އަޅުގަނޑުގެ ހިތް ބުނަނީ، ސިވިލް ސާރވިސް ކޮމިޝަނުން އިންތިޒާމު ކުރެއްވިޔަސް މި ކޮންފަރެންސްގައި އެހެން މުވައްސަސާތަކުންވެސް ބައިވެރިވާނެ. ހަމަގައިމުވުވެސް ޕީއެސްއެމްގެ ޝައުޤުވެރިކަން އެބަހުރި " އެމްޑީ ޝަކީބް ވިދާޅުވިއެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ވިދާޅުވީ، ސިވިލް ސަރވިސް ކޮންފަރެންސް ޚާއްޞަވާ އެއް ސަބަބަކީ، މި ކޮންފަރެންސްގައި މަޝްވަރާ ކުރެވޭ ކަންކަމާއި އަދި ދިރާސާ ކަރުދާސްތަކުން ފާހަގަކުރެވޭ ކަންކަމަށް ރިޢާޔަތްކޮށް، އެ ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އިސްކަން ދިނުން ކަމަށެވެ. އަދި ކުރީގެ ކޮންފަރެންސްތަކަށްފަހު، މިފަދަ ބައެއް ބަދަލުތައް ދިވެހި ސިވިލް ސަރވިސްގެ ތެރެއިން ފެންނަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ސިވިލް ސަރވިސްއަށް ތަޢާރަފްކުރި ފްލެކްސީ އުސޫލަކީ ނިމިދިޔަ ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި، ޢަމަލުކުރަމުންދާ އުސޫލެއް ކަމަށާއި މި އުސޫލުގެ ސަބަބުން މުވައްޒަފުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާއިރު، ޚާއްޞަ ޙާލަތްތަކުގައި ސިވިލް ސަރވަންޓުންނަށް ފަސޭހަ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ގޮސްފައިވާ ކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވިއެވެ.

މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖޫން މަހުގެ 7 އިން 9 އަކަށެވެ.