މިއަހަރުގެ ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި 118،000 މަސްދަޅު ކޭސް ގޭބީސީތަކަށް ބަހާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވެއްޖެއެވެ.
ފަރުޙަތު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުގެ ފަރާތުން ދަނީ، ރޯދަ ހަދިޔާ ދެމުންނެވެ. މިދިޔަ އަހަރުގެ ރޯދަމަހެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވީ، ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުތަކުގެ ޕްރޮޑަކްޝަން މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އަދި މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުރިހާ މަސްދަޅު ކޭހެއް ނިންމާލެވޭނެކަމަށްވެސް ފަރުޙަތު ވިދާޅުވިއެވެ.
"ގާތްގަނޑަކަށް ޕްރޮޑަކްޝަން ނިމިފި މިހާރު އެހުރީ. މިމަހުގެ 15ގައި، އެއީ މިހާރު އަޅުގަނޑުމެން މި އުފައްދާ 118،000 ވަރަކަށް މަސްދަޅު ކޭސްތައް އުފައްދާ ނިންމާލެވޭނެ. އެއީ މިދިޔަ އަހަރު އުފެއްދި ކޭހާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރު އަދަދެއް. އެ ހުރިހާ އެއްޗެއް އަޅުގަނޑުމެންނަށް އުފައްދާ ނިންމާލެވޭނެ." މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވިއެވެ.
މަސްދަޅު ކޭސްތައް ބެހުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދަނީ ސިޓީތަކާބެހޭ ވުޒާރާއާއި އެސްޓީއޯއާ ގުޅިގެންނެވެ. މިގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި، އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައި މިހާރުވެސް ބައެއް ސްޓޮކް ރައްކާކުރެވިފައިވާ ކަމަށް ފަރުޙަތު ވިދާޅުވިއެވެ.
ފަރުޙަތު ވިދާޅުވީ، ރޯދަ ހަދިޔާ ޑިސްޓްރިބިއުޓް ކުރުމުގެ ނުވަތަ ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި މިއީ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށްވެސް ފަރުޙަތު ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.