ޚަބަރު

ޖޭއެސްސީއަށް ފަނޑިޔާރު ޙަސަން ޝަފީޢު


  • ޤާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއް

  • ހައިކޯޓުގެ ފަނޑިޔާރުކަމަށް އޭނާ ޢައްޔަންކުރެއްވީ 2020 އޮކްޓޫބަރު 4ގައި

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު އިންތިޚާބުކުރައްވައިފިއެވެ.

ފަނޑިޔާރު ޝަފީޢު އިންތިޚާބުކުރައްވާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިޚާބުކުރާ ފަނޑިޔާރުގެ މަޤާމަށެވެ.

އަލްއުސްތާޛު ޙަސަން ޝަފީޢުއަކީ ޤާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯ(އެލް.އެލް.ބީ) އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު ޙަސަން ޝަފީޢު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. އެ ދުވަހު އަލްއުސްތާޛު ޙަސަން ޝަފީޢު އައްޔަން ކުރެވުނީ ފެމިލީ ކޯޓުގެ ގާޟީކަމަށެވެ. އަދި އެއަށްފަހު ސިވިލް ކޯޓުގައިވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. މީގެ އިތުރުން، ޤާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި އަލްއުސްތާޛު ޙަސަން ޝަފީޢު މިދާއިރާއިން ކިޔަވާދިނުމުގެ އިތުރުން ޤާނޫނުތައް ޑްރާފްޓް ކުރެއްވުމުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރެއްވީ 2020ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި އެއް އަހަރު ދުވަހު، ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު ހިމެނިވަޑައިގެންނެވިއެވެ.

ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން 10 މެންބަރަކު އެ ކޮމިޝަނަށް އައްޔަންކުރަން ޖެހޭނެއެވެ.

ޖޭއެސްސީގައި ތިއްބަވާ މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނީ މުބާރިކްއާއި، ކޮމިޝަނުގެ ނާއިބުރައީސް ޔަޒްމީދު މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުއެވެ.

މީގެ އިތުރުން، ދަށު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ފަރުހާދު ރަޝީދާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރު އިދްރީސް ފައުޒީއާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްއާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރު އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފް ހިމެނެއެވެ.