ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމެއް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރަށްއޮތް ކަމަށް އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޒާހިދު މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މުހިންމުކަމާ ގުޅޭ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު، އެ ބިލު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަކީ ޤާނޫނުން ވަކި ގޮތަކަށް އިންތިޚާބެއް ބޭއްވުމަށް ލާޒިމްކުރުމުން އެކަމެއް ތަންފީޒުކުރަންޖެހޭ މުއައްސަސާއެއް ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި މިހާރު ބަހުސް ކުރެވެމުންދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ މައްސަލައިގައި ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ކޮމިޝަނުން ފަސްނުޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒާހިދުގެ ވާހަކަފުޅުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭނޭ އުސޫލުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މިފަދަ ވޯޓެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރެއްގެ ދަށުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ޤަރާރެއްގެ ދަށުން ކަމަށާއި، ވޯޓެއް ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭކަމަށް ޒާހިދު ވިދާޅުވިއެވެ.
އެހެންކަމުން، ކުރިއަށްއޮތް ކައުންސިލް އިންތިޚާބުގެ ތެރެއިން މިފަދަ ވޯޓެއް ނަގަން ޖެހުނަސް، އެކަމަށް ބޭނުންވާ އިދާރީ އަދި ފަންނީ ތައްޔާރީތައް އެ ކޮމިޝަނުން ކުރާނެ ކަމުގެ ޔަގީންކަން ޒާހިދު ވަނީ ދެއްވާފައެވެ.
"އެ މުއްދަތު އިންތިޚާބަށް ފޯލްވަނީ ކަމުގައި ވެއްޖެއްޔާމު އަޅުގަނޑުމެން އެކަން ކުރަން ޖެހޭނެ. އެކަމުގައި އެއްވެސް ޗޮއިސެއް ނޯންނާނެ. އެފަދަ ހާލަތެއްގައި އަޅުގަނޑުމެން އެކަން ކުރާނަން. އެކަން އަޅުގަނޑު ދަންނަވަން ބޭނުންވޭ. އިލެކްޝަން ކޮމިޝަން އޮތީ ތައްޔާރަށް." އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޜ. މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރެއްްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަަނަ ދުވަހުއެވެ. މި ބިލުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލުގައިވާގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، ޤާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި ރައްޔިތުންގެ ރުހުން އެ ބިލަށް އޮތްތޯ ބެލުމަށްވެސް ވޯޓަށް އެހޭނެކަން ބިލުގައި ވަނީ ހިމަނުއްވާފައެވެ.
އައު ޤާނޫނުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް މިޙާރުވެސް ވަނީ ނަގާފައެވެ. އެއީ އައްޑޫސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް 3 ރަށެއްގެ މީހުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓެވެ. އެ ވޯޓު ނަގާފައިވަނީ އައްޑޫ ސިޓީ، ފޭދޫ އާއި ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ މެދުގައެވެ.