ޚަބަރު

"އިނާޔަތް ބޮޑުކުރުމަކީ ފަގީރުކަން ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް"


  • އެކަނިވެރި ބެލެނިވެރިންނަށް ދޭ އެލަވެންސް 3000ރުފިޔާއަށް ވަނީ ބޮޑުކޮށްފަ

  • މި ނިންމެވުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން އެކި ކަހަލަ ގޮތްތަކަަށް ދަނީ ވާހަކަދެކެވެމުން

އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ސަރުކާރުން ދޭ މާލީ އެހީގެ މިންވަރު ބޮޑުކުރުމަކީ މުޖުތަމައުގެ ފަގީރުކަން ނައްތާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އިޖްތިމާޢީ އަދި އާޢިލީ ތަަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، "ތަރުޖަމާނާއެކު" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ މިންވަރު މަހަކު 3000 ރުފިޔާއާ ހަމައަށް އިތުރުކުރުމަށް ސަރުކާރުން ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ.

މި ނިންމެވުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން އެކި ކަހަލަ ގޮތްތަކަަށް ދަނީ ވާހަކަދެކެވެމުންނެވެ. އެއްބަޔަކު ދެކޭގޮތުގައި މި ނިންމުމަކީ އެކަނި ދަރިން ބަލަހައްޓާ މައިންނާއި، ބަފައިންް ޒަމާނުއްސުރެ އުފުލަމުންދިޔަ ބުރައަށް ނިމުމެއް ގެނެސްދިން ކަމެއްގެ ގޮތުގައި ސިފަކުރަމުންދާއިރު، އަނެެއް ބަޔަކު މިކަމަކީ ބަފައިން ޒިންމާދާރުކުރުމަށް އެޅިގެންދިޔަ ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި ދަނީ ބުނަމުންނެވެ،

މިކަންކަމަށް އިޝާރާތްކުރައްވާ "ތަރުޖަމާނާއެކު" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީ ބޮޑުކުރުމަކީ އޭގެ ސަބަބުން މުޖުތަމައަށް ދިގުދެމިގެންދާ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ. އަދި މިފަދަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެނަމަ، މުޖުތަމައުގެ ފަގީރުކަން ގާތްގަނޑަކަށް 70 އިންސައްތަ ދަށްވެގެންދާނެކަން ބައިނަލްއަގުވާމީ ދިރާސާތަކުން ދައްކާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު އާއިލާއަކަށް އެހީވެވޭކަމުގައި ވެއްޖެނަމަ އެއާއިލާއެއްގެ މީހުން ނުވަތަ ކުދިން ބޮޑުވެގެން ކިޔަވައިގެން ތިބުމުގެ ފުރުޞަތު ލިބި އެކުދިން ތިބޭނީ ފަގީރު ހާލަތަކު ނޫން. އެހެންވީމަ މީގަ އެއަންނަ ފައިދާތައް ޔޫއެންގެ އެސްކެޕުން ހަދާ ޕްރޮގްރާމެއްގައިވެސް ހަދަފައޮތް ރިސަރޗެއްގައި އެބަ ބުނޭ މިކަހަލަ ފަރާތްތަަކަށް އެހީތެރިކަން ފޯރުކޮށްދީގެން މުޖުތަަމައުގެ ފަޤީރުކަން ގާތްގަނޑަކަށް 70އިންސައްތަ ދަށްވެގެންދާނެކަން" ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ އާއިލާތަކުގެ ނިކަމެތިކަން ކެނޑި، އެ އާއިލާތަކުގެ ކުދިންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ގައުމަށް ޚިދުމަތްކުރާ ބަޔަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ ފަދައިން، އޯގާތެރި އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައިވެސް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ.

އެކަނި ދަރިން ބަލަހައްޓާ މައިންނާއި، ބަފައިންނަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފައެވެ. މިއިސްލާހުގެ ދަށުން، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ. މިއާއެކު 4 ކުދިން ތިބި ފަރާތްތަކަށް 12،000ރ. އާއި ހަމައަށް އެހީތެރިކަން ލިބޭނެއެވެ. ޤަވާއިދަށް ގެނެވުނު އިސްލާހާއެކު، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އަހަރެއްގެ ތެރޭގައި ލިބޭނީ 144،000ރ. އެވެ.