ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ގދ. އަތޮޅުގެ ގްރޫޕް ބީގެ މެޗުތައް ރޭ ކުޅެފައިވާއިރު، އާދަމް ލަރީފް (ރޮނާ) ގެ ހެޓްރިކާއެކު ހޯނޑެއްދޫއިން ރަތަފަންދޫ ބަލިކުރިއިރު، ފުޓްސަލްގެ ނަން މަޝްހޫރު ތަރިން ހިމެނޭ ވާދޫ ޓީމުން މަޑަވެލީގެ މައްޗަށް ކުރިހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ދަނޑުގައި މި މެޗުތައް ކުޅޭއިރު، ހޯނޑެއްދޫއިން ރަތަފަންދޫގެ މައްޗަށް ކުރިހޯދީ 1-5 ގެ ފަރަގުބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ލަރީފްގެ ހެޓްރިކެއް ފެނިގެންދިޔައިރު އެ ޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އަޝްފާން މުޙައްމަދުއާއި އަޙްމަދު ޝާނިއު އަބްދުލްޣަނީއެވެ. ރަތަފަންދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަލީ އުމައިދުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ލަރީފް އެވެ.
ވާދޫއިން ރޭ މަޑަވެލި ބަލިކުރީ 2-3 ގެ ނަތީޖާއިންނެވެ. ރާއްޖޭގެ ފުޓްސަލްގައި ނަން މަޝްހޫރު ތަރިންގެ ގޮތުގައި ކިޔޭ، އަހްމަދު އަޔާޒް (އަޔާ)، މުޙައްމަދު އިޔާދު އަލީ، މުޙައްމަދު ނާއިލް (އެއްޑަ) ފަދަ ކުޅުންތެރިން ހިމެނޭ ވާދޫއިން މި މެޗުގައި ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އަޔާޒް، މުސައްނިފް މުޙައްމަދު އަދި އިޔާދުއެވެ. މެޗުގައި މަޑަވެލީގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޔައިޝް މުސްތަފާއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވާދޫގެ އިޔާދުއެވެ.
މުބާރާތުގައި ރޭ އައްޑޫގެ ދެ މެޗެއްވެސް ކުޅެފައިވެއެވެ. އެގޮތުން މަރަދޫފޭދޫއާއި ފޭދޫ ބައްދަލުކުރި މެޗުން ފޭދޫ ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސަޔަމް ސައީދުއާއި ޔޫސުފް ސިދާމް އަލީގެ އިތުރުން އަޙްމަދު ޒައުލް ނާޒިމްއެވެ. މަރަދޫފޭދޫއިން ޖެހި ހަމަ އެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ޝާމިންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފޭދޫގެ އަލީ ނާފިއުއެވެ.
އެ ގުރޫޕުގެ ދެވަނަ މެޗުގައި ހިތަދޫއިން ވަނީ ހުޅުދޫގެ މައްޗަށް 0-2 އިން ކުރިހޯދާފައެވެ. މެޗުގައި ހިތަދޫގެ ލަނޑުތައް ޖަހައިދިނީ އީމާން ނަސީރާއި ހާޒިމް ފައުޒީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހާޒިމްއެވެ.
މުބާރާތުގައި ރޭ ވަނީ ށ. އަތޮޅުގެ ހަތަރު މެޗެއް ވެސް ކުޅެފައެވެ.
އެ ގުރޫޕުގައި ފީވަކުގެ މައްޗަށް ކަނޑިތީމުން 2-5 އިން ކުރިހޯދިއިރު ކަނޑިތީމުގެ ލަނޑުތައް ޖަހައިދިނީ ޙުސެއިން ނިހާލާއި ރައުލް ނިޔާޒްގެ އިތުރުން އިބްރާޙީމް ނަދާދުއެވެ. ނިހާލާއި ރައުލް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. ފީވަކުގެ ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ ޙުސެއިން ޝާމިހުއެވެ. މެޗުގެ މޮޅުކުޅުންތެރިއަކީ ނަދާދުއެވެ.
ރޭ ކޮމަންޑޫގެ މައްޗަށް މިލަންދޫއިން ވަނީ 0-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާޙީމް ޒާހީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަޙްމަދު ޝަނީއެވެ.
މި ގުރޫޕުގެ ތިންވަނަ މެޗުގައި ގޮއިދޫގެ މައްޗަށް ފުނަދޫއިން 1-2 އިން ކުރިހޯދިއިރު، ފުނަދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޝައިހާން ނަސީމާއި އަބްދުﷲ ޒަމީނެވެ. ގޮއިދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު އަހުސަމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަބްދުﷲ ޒަމީންއެވެ.
މި ގުރޫޕުގައި ރޭ ކުޅުނު ފަހު މެޗުގައި މަރޮށީގެ މައްޗަށް ފޯކައިދޫއިން ވަނީ 2-3 އިން ކުރިހޯދާފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފޯކައިދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާޙީމް މުޝީރާއި މުޙައްމަދު މަޢާން ސަބީހުއެވެ. މުޝީރު ވަނީ ދެ ލަނޑު ޖަހާފައެވެ. މަރޮށީގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ނާސިފްއާއި އިބްރާޙީމް ނިޔާޒެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މުޝީރެވެ.
މުބާރާތުގައި ރޭ ވަނީ މ. އަތޮޅާއި ފ. އަތޮޅުގެ ވެސް، ކޮންމެ އަތޮޅަކުން ދެ މެޗު ކުޅެފައެވެ. އެގޮތުން ފ. އަތޮޅުގެ ފުރަތަމަ މެޗުގައި މަގޫދޫއިން ފީއަލި ބަލިކުރިއިރު މަގޫދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ އުލޫފް އަޙްމަދުއެވެ. އަނެއް ލަނޑު ޖަހައިދިނީ އަޙްމަދު މުއާޒުއެވެ. ފީއަލީގެ ލަނޑުތައް ޖަހައިދިނީ ޒިޔާން ޙުސެއިން އާއި ރަފްޙާން އިބްރާޙީމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މަގޫދޫގެ އުލޫފްއެވެ.
މި ގުރޫޕުގެ ދެވަނަ މެޗުގައި ނިލަންދޫއިން ވަނީ ބިލަތްދޫ ބަލިކޮށްފައެވެ. 2-3 އިން ނިލަންދޫ މޮޅުވި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޙަސަން ރާއިދު، ފާރޫޤް އިސްމާއީލް އަދި މޫސާ ޖަމާލެވެ. ބިލަތްދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އީވާންއާއި މުނީފް އަބްދުﷲ އެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކީ ފާރޫޤެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މ. އަތޮޅުގެ ފުރަތަމަ މެޗުގައި ނާލާފުށީގެ މައްޗަށް މުލަކުން ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި މުލަކުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އައިހަމްއާއި ޠަލްޙަތު މުޙައްމަދުއެވެ. ނާލާފުށީގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ފަޒީލްއެވެ.
އެ ގުރޫޕުގެ ދެވަނަ މެޗުގައި ދިއްގަރާއި މަޑުއްވަރީގެ މެޗު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަޑުއްވަރީގެ މުޙައްމަދު ޝިޔާޒެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ކ. އަތޮޅުގެ މެޗުތަކެވެ. މިރޭ އޮތީ އއ.، ލ. އަދި ގއ. އަތޮޅުގެ މެޗުތަކެވެ.